އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޑރ. ޢަބްދުﷲ ފައިރޫޝް މިއަދު މަގާމުން ރިޓަޔާ ކުރައްވައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު މިއަދު ފައިރޫޝް ރިޓަޔާ ކުރައްވާފައިވާ ކަމަށާއި، މިމުއްދަތުގައި ކުރައްވާފައިވާ ޚިދުމަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ފައިރޫޝް އަށް ކާމިޔާބީއަށް އެދޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރިޓަޔާ ކުރެއްވުމަށްފަހު ފައިރޫޝް ވަޑައިގަންނަވަނީ އޮސްޓްރޭލިޔާއަށެވެ. އަދި މިހާރު އޭނާގެ އާއިލާ ވެސް އޮސްޓްރޭލިޔާއަށް ވަޑައިގެންފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ރައީސް މުޙައްމަދު ނަޝީދު 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށްފަހު ވަގުތީ ގޮތުން ފުލުހުންގެ އިސްވެރިއަކަށް ހުންނެވީ ވެސް ފައިރޫޝް އެވެ.

ފައުރޫޝްއަކީ ފެބްރިއަރީ ހަތެއްގެ "ބަޣާވާތުގެ" ބައިވެރިއެއް ކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުންނާއި ސަޕޯޓަރުން އަބަދު ވެސް އިނގިލި ދިއްކުރާ ބޭފުޅެކެވެ. އަދި އެމްޑީޕީ އިދިކޮޅުގައި އޮތްއިރު ސޯޝަލް މީޑިއާގައި އޭނާއަށް ފުރައްސާރަކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނާއި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުން އެކިހަލަ ވާހަކަތައް ވެސް ދައްކާފައިވެ އެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ފަރުމާ ކުރެވިފައި އޮތީ ފެބްރުއަރީ 7 ގެ "ބަޣާވާތުގައި" ބައިވެރިވި ފުލުހުން ވަކިކުރެވޭ ގޮތަށެވެ.

މަޖިލީހުގެ ބަހުސް މަރުހަލާގައި ފުލުހުންގެ ބިލުގެ ތިން ވަނަ މާއްދާއަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވާ ގޮތުގައި ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ. މިއީ ސީދާ ބަޣާވާތުގައި ބައިވެރިވި ފަރާތްތައް މަޤާމުން ވަކިކުރުމަށް އިތުރު ކުރި އިސްލާޙެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވެ އެވެ. އެ ބިލު ފާސްވީ ވެސް އެ އިސްލާޙު ތަކާއެކު އެވެ.