މަރުކަޒީ ބޭންކުގެ ލައިސެންސް ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި، ރ. ފުރަވެރި ރިސޯޓާއި ޕޭޖް ހާޑްވެއާ ހިންގާ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ފުލުހުން ބަލައި ފާސްކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސެންސް ނެތި، ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ކަމުގެ ތުހުމަތުގައި އެ ކުންފުނިން ބޭރު ފައިސާގެ ވިޔަފާރި ކުރުމަށް ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ފްރީޒްކޮށް ފައެވެ.
މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ އިތުރު ހެކި ހޯދުމުގެ ގޮތުން މާލޭގެ މައްޗަންގޮޅި ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ނައިޑް އިންވެސްޓްމެންޓަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ. ރ. ފުރަވެރި ރިސޯޓުގެ އިތުރުން ޕޭޖް ހާޑްވެއާ ފަދަ މަޝްހޫރު ވިޔަފާރިތައް ހިންގަނީ އެ ކުންފުނިން ނުވަތަ އެ ކުންފުންޏާ ގުޅުންހުރި ކުންފުނިތަކުންނެވެ.
ގާނޫނުތަކާއި ގަވާއިދުތައް ބަޔާންކުރާ ގޮތުން ރާއްޖޭގައި ބޭރު ފައިސާގެ ވިޔަފާރި ކުރެވޭނީ މަރުކަޒީ ބޭންކުން ދޫކުރާ ހާއްސަ ލައިސެންސް ހޯދުމަށްފަހުގަ އެވެ. އަދި އެމްއެމްއޭއިން ކަނޑައަޅާފައިވާ ރަސްމީ ރޭޓުގެ ބޭރުން ބޭރު ފައިސާގެ ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެކެވެ.
މިފަދަ ކުށްތަކަށް ދެވޭ އަދަބުތައް ވަރުގަދަކޮށް، އެމްއެމްއޭގެ ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރާއި މަރުކަޒީ ބޭންކުން ވަނީ ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލުތަކެއް ގެނެސް، ތަންފީޒީ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފަ އެވެ. މީގެ ކުރިންވެސް މަނީ އެކްސްޗޭންޖް ގަވާއިދާ ހިލާފުވި ބައެއް ކުންފުނިތަކުގެ ލައިސެންސް އެމްއެމްއޭއިން ވަނީ ބާތިލުކޮށްފަ އެވެ.
މީގެ އިތުރުން ކަޅު ބާޒާރުގައި ގާނޫނާ ހިލާފަށް ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރިކުރި ކަމުގެ ތުހުމަތުގައި ހަ ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މީހުންނާ ގުޅުންހުރި އެކައުންޓުތަކުން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ ދައުރުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
ދެފައި މައްޗަށް ތެދުވެވޭނެ ކަމުގެ އުއްމީދު ގެއްލުނު: ރާހުލް
އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު
ކުރީގެ ލޯބިވެރިޔާ ޓޭލާގެ ކައިވެންޏަށް ހެރީ ޖޯކު ޖެހީތަ؟
