އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާތިލް ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމިކަން ހާމަކޮށް އެމްޑީޕީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރިޔާސީ ޕްރައިމަރީ ބާތިލުކޮށްދިނުމަށާއި، އަލުން ބާއްވައިދިނުމަށް އެ ޕާޓީގެ މައްޗަށް ހުށަހެޅި މައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު، ދައުވާ ހުށަހެޅި ފަރާތުގެ ނެތްކަމަށް ކަނޑައަޅުއްވައި، އެ މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި ކަމަށެވެ.

ތިން މީހެއްގެ ފަރާތުން އެމްޑީޕީ ޕްރައިމަރީ ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓަށް ބަލައިގަތީ އަލީ އަމްޖަދު ނަމަކަށް ކިޔާ މީހަކު ހުށަހެޅި މައްސަލަ އެވެ. އަމްޖަދަށް މައްސަލަ ހުށަނޭޅޭނެ ކަމަށް ބަޔާންކޮށް އެމްޑީޕީގެ ފަރާތުން ހުށަހެޅި ނުކުތާތަކަށް އަމުޖަދުގެ ފަރާތުން ޖަވާބުދާރީވުމުގެ އަޑުއެހުމެއް މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެވެ.

މިއަދު އޮތް މި އަޑުއެހުމުގައި ކޯޓުން ނިންމީ އަމްޖަދަކީ އެމްޑީޕީގެ މެމްބަރެއް ނޫންކަން އެ މައްސަލައިގައި ހުށަހެޅި ލިޔެކިއުންތަކުން އެނގެން އޮންނަ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ މަސްލަހަތާއި ހައިސިއްޔަތު އަމްޖަދަށް ލިބިގެން ނުވާ ކަމަށް ނިންމައި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.