ކުރިއަށް އޮތް ރިޔާސީ އިންތިހާބުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަސޭހަ ކަމާއިއެކު ކާމިޔާބު ކުރައްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެެއްޖެ އެވެ.

ރޮޒެނާ މިހެން ވިދާޅުވީ އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑީޑޭޓަށް ކާމިޔާބު ލިބުމުން ކުރެއްވި ޓުވީޓެއްގަ އެވެ.

ރޮޒޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ މި ވޯޓަކީ މުޅި ރާއްޖެއިން ރައީސް ސޯލިހުގެ ސިޔާސަތާއި، ތަސައްވަރު ބަލައިގެންފައިވާކަމުގެ ބޮޑު ހެއްކެއް ކަމަށެވެ. މިނަތީޖާއަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެއްކަމަށް އޭނާ ވިދާޅުވި އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒް އިންތިހާބު ކާމިޔާބުކުރެއްވީ 49 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. ޝާޒަށް ލިބިވަޑައިގަތީ ޖުމްލަ 1346 ވޯޓެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ހުސައިން ރިޟާ އާދަމަށެވެ. ރިޟާއަށް ލިބިވަޑައިގަތީ ޖުމްލަ 1226 ވޯޓެވެ. މި އިންތިހާބުގައި އެމް.އެން.ޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް ޢަލީ ޢާރިފަށް ލިބިވަޑައިގަތީ ޖުމްލަ 122 ވޯޓެވެ.