ދެހާސް ސަތާރަ ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ހާދިސާ ހިނގިއިރު 17 އަހަރުގެ އެ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކަމަށެވެ.

އެ ދައުވާ އަށް އެ ކުއްޖާ އިންކާރުކުރުމުން ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހަތަރު ހެކީން ބުނެފައި ވަނީ އަނަސް އަށް ހަމަލާދިން މަންޒަރު އެމީހުންނަށް ފެނުނު ކަމަށާއި ނަމަވެސް މޫނު ނިވާކޮށްގެން ތިބުމުން އެއީ ކޮން ބައެއްކަން ބުނެދޭން ނޭނގޭ ކަމަށެވެ.

ދިފާއުން ހުށަހެޅި ތިން ހެކީން ބުނެފައި ވަނީ ދިސާ ދުވަހުގެ ހެނދުނު 10:00 ގައި ދައުވާ ލިބޭ ކުއްޖާގެ ގެޔަށް އެމީހުން ދިޔަ ކަމަށެވެ. އެއަށްފަހު އެމީހުންނާ އެކީ އެ ކުއްޖާ ހުޅުމާލެ ތެރޭގައި ސައިކަލް ދުއްވުމަށްފަހު ބާބަކިއު ޕޮއިންޓްގައި ތިބުމަށްފަހު، ރޭގަނޑު 10:00 ހާއިރު، ދައުވާ ލިބޭ ކުއްޖާގެ ގެއަށް ގޮސް، އެގެއިން އެންމެން ކެއީ ކަމަށް އެ މީހުން ހެކިބަސް ދެމުން ބުނެފައިވެ އެވެ.

ގައިގެން ދަންވަރު 2 ޖަހަންދެން، އެންމެން ވެސް ތިބީ ޕްލޭސްޓޭޝަނުން ގޭމް ކުޅެން ކަމަށާއި އެއިން އެއްވެސް ވަގުތެއްގައި ދައުވާ ލިބޭ ކުއްޖާ އެމީހުންގެ ލޯމަތިން ގެއްލިފައިނުވާ ކަމަށް ހެކިބަސް ދެމުން އެމީހުން ބުނެފައިވެ އެވެ.

އެ ކުއްޖާގެ އުމުރުން މިހާރު ވަނީ 20 އަހަރުވެފަ އެވެ.

31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު، އަނަސް އަށް ހަމަލާދިނީ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން ދިޔަ ބައެކެވެ. އެމީހުން އަނަސް ފަހައި ދުއްވައިގަތުމުން ފިލަންވެގެން އޭނާ ވަނީ ލިޓަސް ސާވިސް ސެންޓަރަށެވެ. ދެން އެމީހުން ވަނީ އެތަނުގެ ތެރެއަށް ވަދެ އޭނައަށް ތޫނުއެއްޗަކުން ހަމަލާދީފަ އެވެ.

ހަމަލާދޭން ވަނީ ސައިކަލްތަކުގެ ފަހަތުގައި ތިބި މީހުންނެވެ.

އެ މައްސަލައިގައި ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާއާއި، ޅ. ކުރެންދޫ އަސަރުމާގެ އަހުމަދު ޒަޔާނާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒްގެ މައްޗަށް ދައުވާ ކޮށްފައިވެ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެ މީހުންގެ މައްސަލަ ނިންމާފައެއް ނުވެ އެވެ.