ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕީޕީއެމްގެ ކެނޑިޑޭޓުން އިންތިހާބަކާނުލާ ކާމިޔާބުކޮށްފި އެވެ.

ޕީޕީއެމްގެ ކެނޑިޑޭޓުން އިންތިހާބަކާނުލާ ކާމިޔާބުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ތަކުގެ ބައި އިލެކްޝަނަށް ހުޅުވާލި 10 ރަށުގެ ތެރެއިން ތިން ރަށެއްގެ ގޮނޑި އެވެ. އެއީ ށ. މާއުނގޫދޫ، ރ. މީދޫ، އަދި ގދ. ވާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށެވެ.

ށ. މާއުނގޫދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ އައިޝަތު ހަަނީފާ، ގަހާ ށ. މާއުނގޫދޫ އެވެ. ރ. މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވިފައިވަނީ ވަސީމާ އިބްރާހީމް، ފޭރުމާގެ ރ. މީދޫ އެވެ. އަދި ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ހޮވުނީ ލިއުޝާ އިބްރާހީމް އެވެ.

ޖޫން 17 ވަނަ ދުވަހު ބައި- އިލެކްޝަންތައް އޮންނަ ރަށްތައް:

  • ތ. ގާދިއްފުށީ
  • ގދ. ހޯޑެއްދޫ
  • ލ. މާމެންދޫ
  • ކ. ދިއްފުށި
  • މ. ވޭވަށު
  • ހދ. ފިނޭ

ގާނޫނުގައި ކުރިން އޮތްގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރަކު އިސްތިއުފާދެއްވައިފިނަމަ، 60 ދުވަހުގެ ތެރޭގައި އިންތިހާބު އިލެކްޝަންސް ކޮމިޝަނަށް ލާޒިމްކުރެ އެވެ. ނަމަވެސް ގާނޫނަށް ފަހުން ގެނެސްފައިވާ ބަދަލާއިއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބެއް ބާއްވަން ޖެހޭނީ 365 ދުވަހުގެ ތެރޭގަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކޯރަމް ހަމަނުވާ އަދަދަށް ކޮމެޓީގެ މެމްބަރުން މަދުނަމަ، ގާނޫނުގައި އޮންނަ ގޮތުގެ މަތީން އިންތިޚާބު ބާއްވަންޖެހެ އެވެ.