ފަހަކަށް އައިސް އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ބޮލީވުޑުން ގެއްލިފައިވާއިރު، ސައުތު އިންޑިއާގެ ފިލްމުތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބެން ފަށައިފަ އެވެ.

ހަމަ އެހެންމެ ސައުތު އިންޑިއާގައި ފިލްމު ކުޅޭ ފަންނާނުންނަށް ވެސް ލިބޭ މަޝްހޫރުކަން އަންނަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި ބަތަލާއިންގެ ރޯލު ހިމެނޭއިރު، އިންޑަސްޓްރީގައި މަގުބޫލުކަން ހޯދާފައިވާ ފަންނާނުންގެ ލިސްޓުގައި ސެމެންތާ ރުތް ޕްރަބޫ ވެސް ހިމެނެ އެވެ. އަދި އޭނާ އަކީ މިހާރު މުޅި އިންޑިއާގެ ފިލްމީ ސިނަމާއަށް ބަލައިލި ނަމަވެސް ފާހަގަކޮށްލެވޭ ތަރިއެކެވެ.

ފިލްމީ ކެރިއަރެކޭ އެއްފަދައިން ސެމެންތާ އަކީ ސްކޫލް ދައުރުގައި ވެސް ފާހަގަކޮށްލެވުނު ކުއްޖެކެވެ. އެގޮތުން ދާދި ފަހުން ފޭން ޕޭޖަކުން އާންމުކުރި ސެމެންތާގެ ރިޕޯޓު ކާޑަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ.

އެ ރިޕޯޓު ކާޑުގައިވާ ގޮތުން ސެމެންތާ ވަނީ ގިނަ މާއްދާތަކުން 80-90 ދެމެދުގެ އަދަދުން ނަތީޖާ ހޯދައިފަ އެވެ. އަދި ހިސާބުން އޭނާ ހޯދި ނަތީޖާއަކީ 100 އެވެ. ރިޕޯޓު ކާޑު އާންމުވުމާއި ގުޅިގެން ސެމެންތާއަށް ދަނީ ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ލިބެމުންނެވެ.

ސެމެންތާ އޭނާގެ ސްކޫލް ދައުރު ފުރިހަމަކުރީ އިންޑިއާގެ ސިޓީއެއް ކަމުގައިވާ ޗެންނާއީގައިވާ ސީއެސްއައި، ސެއިންޓް ސްޓެފެންސް މެޓްރިކިއުލޭޝަން ސްކޫލުންނެވެ.