ބޮލީވުޑް މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ރާގަވް ޗައްޑާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ހަފްތާއެއް ވަންދެން މީޑިއާގެ ފަލަ ސުރުހީތަކަށް ވަނީ އަރާފަ އެވެ. އެހެން ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ދެމީހުން އެއްވެސް ވާހަކައެއް ދައްކާފައެެއް ނުވެ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ހަފްލާ މިމަހު 13 ގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި މިހަފްލާ އޮންނާނީ ނިއުދިއްލީގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޕަރިނީތީ އާއި ރާގަވް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ތިލަވެގެން ދިޔައީ އެމީހުން އެކުގައި ތަންތަނުން ފެންނަށް ފެށުމުންނެވެ.
ރާގަވްއާ ރައްޓެހިވެގެން އުޅޭކަން ޕަރިނީތީ ކަށަވަރުކޮށް ނުދިން ނަމަވެސް މި ފަހުން އެ ދެ މީހުން އެކީގައި ފެނުން ވަރަށް އާންމެވެ. އަދި އެ ދެ މީހުންގެ ގާތް ބައެއް މީހުން ވަނީ ވަރަށް އަވަހަށް ކައިވެނިކުރާނެކަން ވެސް ކަށަވަރުކޮށް ދީފަ އެވެ.
އުމުރުން 34 އަހަރުގެ ޕަރިނީތީ އާއި އުމުރުން 34 އަހަރުގެ ރާގަވް އާ ދިމާވީ ލަންޑަނުގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ.
ރާގަވް އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ. އަދި އޭނަ އަކީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެކެވެ.
ޕަރިނީތީ ބޮލީވުޑަށް ނުކުތީ ރަންވީރާ އެކު 2011 ގެ "ލޭޑީސް ވާސަސް ރިކީ ބާލް" އިނެވެ. ޕަރިނީތީ ވަނީ ކާމިޔާބު އެތަކެއް ފިލްމުތަކެއް ކުޅެފަ އެވެ.