މާލެ ސިޓީގައި ލާމަރުކަޒީ ފުރިހަމައަށް ތަންފީޒު ނުވާ ކަމުގައި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވީ ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމުގައި މާލެސިޓީގެ އިހުތިސާސްގެ ދަށުގައިވާ ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެސިޓީ ކައުންސިލާއި ހަވާލު ކޮށްފައިނުވާތީ ކަންބޮޑުވުން ފާޅުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ މާލެ ސިޓީގެ އަވަށެއް ކަމުގައިވާ ހުޅުމާލޭގެ ވަރަށް މަދު ކަމެއް ނޫނީ މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިނުވާ ކަމަށެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައިވަނީ ވައިޓަލް ސާވިސް ފޯރުކޮށްދިނުމާއި ސަހަރާ އަދި މިސްކިތްތައް ބެލެހެއްޓުން ފަދަ މަދު ކަންކަން ކަމަށެވެ.

"މިސާލަކަށް ހުޅުމާލޭގައި އަމިއްލަ ފަރާތަކުން މިސްކިތެއް ހަދާފާނެ. އަޅުގަނޑުމެންނަށް ސަރުކާރުން އަންނާނީ ސިޓީއެއް މިހާރުން ފެށިގެން މިސްކިތާއި ހަވާލުވާށޭ. ނާންނާނެ މިކަމާއި ގުޅިގެން ބަޖެޓް އިމްޕްރޫވްމަންޓެއް. އެއާއި ގުޅިގެން މީހުން ނަގާކަށް ވެސް. އެހެން ހަމަ ހުރިހާ ކަމެއް ވެސް މިދަނީ،" މޭޔަރު މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ނުލިބެނީ ވަރަށް ކުދިކުދި ކަންކަމުގައި ކަމަށާއި އެއީ ސަރުކާރުގެ ތެރޭގައި ހައްލުވާނެ ޖެހޭނެ ކަންކަން ކަމަށެވެ.

މާލެސިޓީގެ އިހުތިސާސްގެ ތެރޭގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭއިރު ދެ ކަމެއް ފިޔަވާ ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބަލަހައްޓަމުންދަނީ ސަރުކާރުގެ ކުންފުނި އާބަންކޯ އިންނެވެ. މިކަމާ ގުޅިގެން މީގެ ކުރިންވެސް މާލެސިޓީގެ މޭޔަރު ޑރ. މުއިއްޒު އާއި ހުރިހާ ކައުންސިލަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެހެންނަމަވެސް އަދިވެސް މިކަމަށް ހައްލެއް ލިބިފައިނުވެ އެވެ.