އިނގިރޭސި ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަމްޒީ ތާޖު އެޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ބޭއްވިގެންދިޔަ ކޮރޮނޭޝަން ކޮންސެޓްގައި ރާއްޖޭގެ ލަވަކިޔުންތެރިން ޒާރާ މުޖުތަބާގެ ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.

ދުނިޔޭގެ މަޝްހޫރު ފަންނާނުންނާ އެކު ބޭއްވި މި ކޮންސެޓްގައި ޒާރާ ހުށަހެޅުމެއް ހުށައަޅައިދީފައިވަނީ ކޮމަންވެލްތު މެމްބަރު ގައުމެއްގެ ހައިސިއްޔަތުންނެވެ.

ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަ ސަފީރު، ފަރަހަނާޒް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެތައް މިލިއަން ބަޔަކު ބެލި މި ކޮންސަޓްގައި ރާއްޖޭގެ ލަވަކިޔުންތެރިޔާ ޒާރާގެ ހުށަހެޅުމެއް ފެނިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށެވެ.

ޒާރާ އަކީ މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ބޭއްވި އެކި ރަސްމިއްޔާތުތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ފަންނާނެކެވެ. ޒާރާ ބޮޑަށް މަޝްހޫރު ވެގެންދިޔައީ 2018 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލްގެ ތެރެއިންނެވެ. އެ ޝޯގައި ޒާރާ ވަނީ ޖަޖެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

ކިންގް ޗާލްސް ތަހުތަށް ވެޑުވުމުގެ ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ބައިވެރިވެވަޑައިގަތެވެ. އެ ރަސްމިއްޔާތުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރުމަށް އެމްއެންޑީއެފްގެ 10 އޮފިސަރުން ވެސް ވަނީ ބައިވެރިވެފަ އެވެ.

ހޮނިހިރު ދުވަހުގެ ރަސްމީ ހަފްލާތަކަށްފަހު ޝާހީ އާއިލާގެ މެމްބަރުން ވެސް ވަނީ މި ކޮންސެޓް ބައްލަވާލައްވައިފަ އެވެ. އެގޮތުން ރަސްގެފާނު ޗާލްސް އާއި ރާނީ ކެމިލާގެ އިތުރުން ޕްރިންސް ވިލިއަމްގެ އާއިލާ ވެސް ކޮންސެޓުގެ ތެރެއިން ފެނިގެން ދިޔަ އެވެ.

އާދީއްތަ ދުވަހުގެ ކޮންސެޓުގެ އިތުރުން ވެސް އިނގިރޭސި ވިލާތުގެ އެކި ހިސާބުތަކުގައި ރަސްގެފާނު ޗާލްސް ތަހުތަށް އިސްވުން ވަނީ ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފަ އެވެ.

އެގޮތުން އާއްމުން ވަނީ އެ ގައުމުގެ މަގުތަކަށް ނުކުމެ އާ ރަސްގެފާނާއި ރާނީއަށް މަރުހަބާ ކިޔުމަށްޓަކައި އެކި ހަރަކާތްތައް ބާއްވައިފަ އެވެ. މިފަދަ ބައެއް ހަރަކާތްތަކުގައި ޚުދު ޝާހީ އާއިލާގެ ބައެއް މެމްބަރުން ވެސް ވަނީ ބައވެރިވެފަ އެވެ.