ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވަން އުޅެނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރެވި އެފަދަ ޖަލްސާއެއް ބާއްވަން އެއްބަސްވެވިފައިވާ ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި މަސައްކަތް ކުރަނީ މި މަހުގެ 15 ވަނަ ދުވަހު އެ ޖަލްސާ ބޭއްވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު މިހާރު އޮތްގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނުނިމެނީސް އިންތިޚާބު ބޭއްވެން ނެތް ކަމަށެވެ. އެހެންކަމުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓް އެ ކޮމިޝަނުން އެކުލަވާލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އޭޕްރީލް 3 ގައި ކައުންސިލް އިންތިޚާބު ބާއްވަން ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ތާރީޚުގައި އިންތިޚާބު ބޭއްވޭނީ މި މަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.