ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ވިޔަސް އެ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް އިތުރު ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުގެ މަންފާ އެ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

"މުސާރައިގެ އޮނިގަނޑަށް މި ގެނައި ބަދަލުގެ މަންފާ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށް އެންމެ ފުރިހަމައަށް ހޯދައިދިނުމަކީ، އަޅުގަނޑުމެންގެ އަމާޒެއް." ރައީސް ވިދާޅުވި އެވެ.

އެ އަމާޒަށް ވާސިލްވުމަށް މުސާރައިގެ އޮނިގަނޑަށް ފުރިހަމަކުރަންޖެހޭ ބައެއް ކަންތައް ހުރިކަން ފާހަގަ ކުރެވޭ ކަމަށާއި އެކަމާ މަޝްވަރާކޮށް އެއަށް ރަނގަޅު ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަދިވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައްތައް ހުރިކަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އެހެންކަމުން އަޅުގަނޑުމެން މިދަނީ އެކަންކަމާ މަޝްވަރާކޮށް، އެއަށް ރަނގަޅު ހައްލެއް ހޯދަން މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެކަން ވެސް ތި ބޭފުޅުންނަށް ފެނިގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް މިހާރު އަންނަނީ މީގެކުރިން ފުޅާނުވާހާ ވަރަށް ބޮޑަށް ފުޅާވަމުން ކަމަށެވެ. މީގެ ކުރިން މާލެއިން ނޫނީ ނުލިބޭ ސިއްހީ އެތައް ހިދުމަތެއް މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުން ލިބޭނެ ގޮތް ހަދައި ދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި މިހާރު ކުރިއަށްދާ ހިދުމަތްތަކާ އެކު ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.