ކުވައިތު ފަންޑުގެ އެހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ހަތް ހޮސްޕިޓަލު އެޅުމުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މި ހަތް ރަށުގައި 30 އެނދުގެ ހޮސްޕިޓަލު ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާއި އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޑެޓާ އެވެ.

އެގޮތުން ށ. މިލާންދު އާއި، ނ. ވެލިދު އާއި، ކ. ތުލުސްދޫގެ ހޮސްޕިޓަލް މަސައްކަތް ހަވާލުކޮށްފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި ހދ. ހަނިމާދު އާއި، ވ. ފެލިދޫ އާއި، ތ. ވިލުފުށީގެ އިތުރުން އދ. މާމިގިލީގެ ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފައިވާ ވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިއިން ކޮންމެ ރަށެއްގައި ވެސް ތަރައްޤީކުރަން ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެވެ.

ރޯޝަނީ ބިލިޑިންގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މި ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި، އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކުގައި ކަމަށެވެ. އަދި ހިދުމަތް ވީހާވެސް ބޮޑަށް ލުއިފަސޭހައިން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި މި ހޮސްޕިޓަލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ވެސް ތަރައްޤީކުރަން ދުރާލާ އިސްކަން ދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ހޮސްޕިޓަލްތައް ހެދުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމާށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ހޮސްޕިޓަލުން ބޭނުންކުރާ ހަކަތައަށް ކުރާ ހަރަދު ކުޑަކުރުމަށް، މި ޕްރޮޖެކްޓުގެ ދަށުން ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯވޯޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރާނެ އެވެ.