ފާއިތުވެދިޔަ ދެތިން ދުވަހަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގެ މެދުގައި ވަރަށް ޚާއްސަ ހަރަކާތްތަކެއް ހިނގައި ދިޔަ ދުވަސްތަކެކެވެ. ޓިކްޓޮކް ލައިވްތައް ހިންގާ ފަރާތްތަކުން ގެންދިޔައީ އިލެކްޝަނަކަށް ތައްޔާރުވެ، ބޮޑު ކެމްޕޭނެއް ހިންގަމުންނެވެ. ކެމްޕޭންކުރުމުގެ ތަފާތު އުކުޅުތަކާއި ފޯރިގަދަ ކަންތައްތަކެއް ފެނިގެންދިޔަ އެ ހަރަކާތްތަކަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައި އެންމެ މަގުބޫލު އަންހެނަކު ހޮވައި "ޓިކްޓޮކް ކްއީން"ގެ ލަގަބު އެ މީހަކަށް ދިނުމަށް ބޭއްވަން އޮތް ވޯޓަކަށް ތާއީދު ހޯދުމަށް ހިންގި ހަރަކާތްތަކެކެވެ.

ޓިކްޓޮކް ކްއީން ހޮވުމަށް އިންތިޚާބެއް ބޭއްވުމުގެ ހަރަކާތްތައް ހިންގި "ޖައްލެ 69" ގެ ނަމުގައި ހިންގާ އެކައުންޓުގެ ވެރިފަރާތް މުހައްމަދު ޖަލީލް "ހުރިހާ" އަށް ކިޔައިދިން ގޮތުގައި ޓިކްޓޮކް ކްއީން ހޮވުމުގެ މުބާރާތުގެ ބޭނުމަކީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައި މާބޮޑު ހަރަކާތްތެރިކަމެއް ނެތި ދާތީ އެ ޖަމާއަތުގެ ތެރޭގައި ޓިކްޓޮކަށް އޮތް ފޯރިގަދަކޮށް މީހުން ޝައުގުވެރިކުރުވުމެވެ.

ޖައްލަ ލައިވުން އިންތިޒާމް ކުރި ޓިކްޓޮކް ކްއީން ހޮވުމުގެ އިންތިޚާބަކީ އެ އެކައުންޓުން ހިންގި ފެޝަން ޝޯއެއްގެ ކާމިޔާބަށްފަހު ހިންގި ހަރަކާތެކެވެ. ފެޝަން ޝޯގައި އެންމެ މޮޅު އަންހެން މޮޑެލާއި ފިރިހެން މޮޑެލް ހޮވައި ކޮންމެ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް ދިނެވެ.

ޖައްލެ 69 ގެ ނަމުގައި ހިންގާ މިހަރަކާތްތަކަކީ އެ އެކައުންޓުގެ ވެރިފަރާތް ޖަލީލް ކިޔައިދިން ގޮތުގައި އެކަމަށްޓަކައި އޮންނަ ޓީމަކުން ރާވައިގެން ހިންގާ ހަރަކާތެކެވެ. އެ ޓީމުގައި އުޅޭ ހުރިހާ މެންބަރުންނަކީ ވަޒީފާ އަދާކުރާ މީހުން ކަމުން އެ މީހުން ބާއްވާ އިވެންޓްތަކުގެ އިނާމަށް ދޭނެ އަދަދެއް ކަނޑައެޅުމަށް ފަހު ކޮންމެ މެންބަރަކު ވެސް އެއަށް ހިއްސާ ވާނެ އެވެ. އެއަށްފަހު ސްޕޮންސާޝިޕަށް ހުޅުވައިލުމުން ލިބޭ ފައިސާ ވެސް އިވެންޓުގެ އިނާމުގެ ގޮތުގައި ހޭދަ ކުރެ އެވެ. މުހައްމަދު ޖަލީލަކީ ކޮންސްޓެންސް މޫފުށި ރިސޯޓުގެ ޑައިވިންގް ސްކޫލުގެ އެސިސްޓެންޓް މެނޭޖަރެވެ.

މުހައްމަދު ޖަލީލް: ޓިކްޓޮކްގައި ހިންގާ ޖައްލެ69 ހިންގާ ފަރާތް

ރޭ ބޭއްވި ޓިކްޓޮކް ކުއީން ހޮވުމުގެ އިލެކްޝަންގެ ހަރަކާތްތައް ފޯރިޔާއެކު ކުރިޔަށް ދިޔަ ބައިގަޑިއިރުގެ ތެރޭގައި އަބަދުވެސް 2000 މީހުން ލައިވްކޮށް، އެ ހަރާކާތުގައި ބައިވެރިވަމުން ގެންދިޔަ އެވެ. ޖުމްލަ 9،066 ވޯޓު ލިބުނެވެ.

އެ އަދަދަކީ ރާއްޖޭގެ އާންމު އިންތިޚާބުތަކުގައި އާދައިގެ އަތޮޅަކުން ވޯޓުދޭން ނުކުންނަ މީހުންގެ އަދަދަށް ވުރެ ވެސް ގިނަ އަދަދެކެވެ. މިފަދަ ތަރުހީބެއް އެ އިވެންޓަށް ލިބުމުން އެ ހަރަކާތް ރޭވި ޓީމަށް ލިބުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެ ހިތްހަމަޖެހުމާއެކު ކުރިއަށް އޮތް ތަނުގައި އެފަދަ އެތައް ހަރަކާތެއް ހިންގަން އެ ޓީމުން ވަނީ ނިންމައިފަ އެވެ.

ޖައްލަ ލައިވުން ކުރިޔަށް ރާވައިފައިވާ މުހިންމު އެއް އިވެންޓަކީ "ޓިކްޓޮކް ގޮޓް ޓެލެންޓް" ގެ ނަމުގައި މަދުވެގެން 5000 ރުފިޔާގެ އިނާމު ލިބޭ ގޮތަށް ހުޅުވާލެވިފައިވާ ޓެލެންޓް ޝޯއެކެވެ. މި މުބާރާތް ބާއްވާ ގޮތަށް ހަމަޖެހިފައިވަނީ އަންނަ މަހު 10 ގަ އެވެ.

ޓިކްޓޮކް ކްއީން ހޮވުމުމުގެ ވޯޓުގައި ބައިވެރިވެ ރޭ ބޭއްވި ފައިނަލުގައި ވާދަކުރީ ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީގައި މިވަގުތު އެންމެ ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ މަރިޔަމް ސަމާ ޝަރީފް އާއި "ރީތި ހުސްކުރި ރާނީ"ގެ ނަމުގައި ޓިކްޓޮކްގައި ހަރަކާތްތެރިވަމުން ގެންދާ ޝެހެނާޒާއި ދެ މީހުންނެވެ. މި ވޯޓަށްޓަކައި ވަރަށް ބޮޑަށް ރޭވިގެން ކެމްޕޭން ހަރަކާތްތަކެއް އެކި އެކި ލައިވްތަކުގައި ހިންގާފައިވެ އެވެ. ޚާއްސަކޮށް ރާއްޖޭގެ ޓިކްޓޮކްގައި މިވަގުތު އެންމެ ހިނގާ ފަންނާނު ސަމާއާ އިދިކޮޅަށް ގިނަ ބަޔަކު އެކުވެގެން ކޯލިޝަނެއްގެ ގޮތުގައި ކެމްޕޭންކުރަމުން ދިޔަ އެވެ.

އެ އިދިކޮޅު ހަރަކާތާ ވާދަކޮށް ވަރަށް ފޯރީގައި ސަމާގެ ކެމްޕޭން ގެންދިޔައީ ވޯޓަކަށް ކެމްޕޭން ކުރުމަށް މިޒަމާނުގައި ބޭނުން ކުރެވޭނެ އެންމެ ޕްރޮފެޝަނަލް ލެވެލްގެ އުކުޅުތައް ބޭނުންކޮށްގެންނެވެ. ވޯޓުލުން ކުރިޔަށް ދިޔައީ ވެސް ދެ ކެންޑިޑޭޓުންގެ މެދުގައި ވަރަށް ވާދަވެރިކޮށެވެ. 9،066 ވޯޓުގެ ތެރެއިން ގިނަ ވޯޓު ކާމިޔާބުކޮށް ޓިކްޓޮކް ކްއީން 2023 ގެ ތާޖު ހާސިލްކުރީ ސަމާ އެވެ.

ޓިކްޓިކް ކްއީން 2013 ގެ މަގާމަށް ހޮވުނު ސަމާ "ހުރިހާ"އާ ވާހަކަ ދައްކަމުން ބުނިގޮތުގައި ސަމާ ޓިކްޓޮކްގައި ހިންގާ ހަރަކާތްތަކަކީ ހުސް ވަގުތު ކޮންމެ ވެސް ބޭނުންތެރި ގޮތަކަށް ހޭދަކުރުމުގެ ގޮތުން ކުރާ ކަމެކެވެ. ސަމާ ގެންދަނީ ޓިކްޓޮކްގައި ތަފާތު އިވެންޓުތައް ބާއްވަމުންނެވެ. އެ އިވެންޓުތަކުގައި ސްޕޮންސަރުންގެ އެހީއާއެކު ގިނަ އަދަދެއްގެ އިނާމުތައް ބައިވެރިންނަށް ދެ އެވެ.

މިދިޔަ އަންހެނުންގެ ދުވަހު ވެސް 3000 ރުފިޔާގެ އިނާމުތަކާއެކު ޚާއްސަ އިވެންޓެއް ބޭއްވި އެވެ. ސަމާ ފާހަގަކުރި ގޮތުގައި އޭނާގެ އިވެންޓުތަކަށް ލިބޭ ސްޕޮންސާޝިޕަކީ މުޅިން ވެސް އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ހަދިޔާކުރާ އެއްޗެކެވެ.

ސަމާ މިވަގުތު ތައްޔާރުވަމުން އަންނަނީ ޓިކްޓޮކް ކްއީން 2023ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ޚާއްސަ އިވެންޓެއް ވަރަށް އަވަހަށް ބޭއްވުމަށެވެ. އެ އިވެންޓަށް މިހާތަނަށް 8000 ރުފިޔާގެ ސްޕޮންސާ ލިބިފައިވެ އެވެ.

ސަމާ ބުނި ގޮތުގައި އެ ހުރިހާ ފައިސާ އެއްވެސް ވީހާ ގިނަ ބަޔަކަށް ލިބޭނޭ ހެން ގިވްއަވޭގެ ގޮތުގައި ބަހައިލެވޭނެ އެވެ. ޓިކްޓޮކް ކްއީންގެ ކާމިޔާބީ އާއެކު ހެޔޮއެދޭ ފަރާތްތަކުން ސަމާއަށް ވެސް ތަފާތު އިނާމުތަކެއް ހަދިޔާ ކުރި އެވެ. އޭގެ ތެރެއިން އެންމެ ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ސަމާ ފާހަގަކުރީ ދުބާއީގެ ދެކޮޅު ޓިކެޓެވެ.

ޓިކްޓޮކް ކްއީނެކޭ އެއްފަދައިން ޓިކްޓޮކް ކިންގް ހޮވުމަށް އޮންނަ އިންތިޚާބު މިރޭ ޖައްލެ 69 އިން ބާއްވާނެ އެވެ. މިހާރު ހިނގަމުން ދަނީ އެ އިންތިޚާބަށް ކެމްޕޭން ކުރުމުގެ ހަރަކާތްތަކެވެ. ވޯޓުލުން އޮންނާނީ މިރޭ 8.00 ން 8.30 އަށެވެ.

ރާއްޖޭގެ ޓިކްޓޮކް ކޮމިއުނިޓީން މުނިފޫހި ފިލުވުމުގެ ތަފާތު ހަރަކާތްތައް ރާވައިގެން ކުރިޔަށް ގެންދާއިރު، އެ ޖަމާއަތުގެ މެދުގައި ހުރި ރޭވުންތެރިކަމާއި ހުނަރުވެރިކަން ފާޅުވެ އެވެ. އެހެނަސް އެކަން އަދި އޮތީ އާންމުކޮށް ފާޅުނުވާ އެހެން ދުނިޔެއެއްގެ ހަރަކާތެއްގެ ސިފައިގަ އެވެ. ކުރިޔަށް އޮތްތަނުގައި އެކަން ބަދަލުވުން ގާތެވެ.

ޖަލީލުގެ އުންމީދަކީ އެ މީހުން މިވަގުތު ފަށާފައިވާ ހަރަކާތް ފުޅާވެ، ރަސްމީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެ ދުވަހެއް އައުމެވެ. އޭރުން ބިނާކުރަނިވި އޮށްޓަރު ހުރި ހަރަކާތްތަކެއް ހިންގަން ފަސޭހަވާނެ އެވެ. ޓިކްޓޮކް ކޮމިއުނިޓީން މިހާރު ވެސް ލިބެމުންދާ އެއްބާރުލުން ކުރިޔަށް އޮތްތަނުގައި ވެސް ލިބުމަކީ ޖަލީލުގެ އެދުމެކެވެ.