ޑީޕްރެޝަރައިޒޭޝަންއާ ނުލާ މެދުނުކެނޑި 74 ދުވަހު ފެނު އަޑީގައި ދިރިއުޅެގެން އެމެރިކާގެ ޔުނިވާސިޓީ ޕްރޮފެސަރަކު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.

ޖޯސެފް ޑިތޫރީ ފްލޮރިޑާގެ ރަށެއް ކަމަށްވާ ކީ ލާގޯގެ 30 ފޫޓު ފުން ފަޅުތެރޭގައި ޑިޒައިން ކޮށްފައިވާ އަންޑާ ސީ ލޮޖްއަށް ފޭބޭީ މިއަހަރުގެ މާޗްމަހުގެ އެއްވަނަ ދުވަހު އެވެ.

އޭގެ ފަހުން 74 ދުވަސް ފުރިހަމަ ވެފައިވާއިރު އޭނާ ވަނީ މީގެ ކުރިން އެ ރިކޯޑު އޮތް ދިގުމިން ކަމަށްވާ 73 ދުވަހުގެ ރެކޯޑު މުގުރާލާފަ އެވެ.

ފެނުއަޑީގައި ހޭދަކުރަމުން ދާ ދުވަސްތަކުގައި ޑިތޫރީ ކައިބޮއި އުޅެނީ ޕްރޮޓީން ގިނައިން ހުންނަ ކެއުންތަކެވެ. މި މުއްދަތުގައި އާދައިގެ މަތިން އޭނާ ކައިބޮއި ކަސްރަތުކޮށް ނިދައި އުޅުނު ކަމަށް ހަބަރުތައް ބުނެ އެވެ.

ދިތޫރީގެ މިޝަން އަދިވެސް ކުރިއަށް ދާއިރު އޭނާގެ އަޒުމަކީ 100 ދުވަސް ފެނުއަޑީގައި ހޭދަކުުރުން ކަމަށް ރިޕޯޓުތައް ހާމަ ކުރެ އެވެ.

މި މިޝަންގެ މައިގަނޑު މަގްސަަދަކީ ފެނުއަނޑީގެ އޮއިވަރާއި ބާރުން އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ބަލައި ދިރާސާ ކުރުމެވެ.

ޑިތޫރީ އަންނަނީ ފެނުއަޑިން އޭނާގެ ތަޖުރިބާއާ ބެހޭގޮތުން އޮންލައިން ކްލާސްތަކެއް ވެސް ހިންގަމުންނެވެ.