ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

އީވާ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ފޮނުވުމުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރެވޭ އަދަދަށް އެމްޑީޕީގައި މެމްބަރުން އެބަތިއްބެވި އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.

އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން އިއްޔެ ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ފިކުރެއްގެ ދިރުން" ޕާޓީ އުފައްދަވަން ނިންމެވިޔަސް އެމަނިކުފާނު އަދި ޕާޓީން ވަކިވެވަޑަައެއް ނުގަންނަވަ އެވެ.

ޕާޓީން ވަކިވެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އިއްޔެ ވަނީ، އެއީ މަޖިލީހުގެ މައިނޯރިޓީ ޕާޓީއަށް ވާނެ ކަން އިއުލާންކުރައްވައިފަ އެވެ. އެއީ މެމްބަރުންގެ އަދަދަށް ބަލާ ނަމަ، ޕީޕީއެމާއި ޕީއެންސީއަށް ވުރެން ވެސް އެ ބޭފުޅުންގެ މެމްބަރުން ގިނަވުމުންނެވެ.

މަޖިލީހުގައި ޕާޓީތައް ތަމްސީލްވާ ގޮތް

  • އެމްޑީޕީ 55
  • ފިކުރެއްގެ ދިރުން 13
  • ޕީޕީއެމް 6
  • ޕީއެންސީ 2
  • ޖުމްހޫރީ ޕާޓީ 2
  • އެމްއެންޕީ 3

ފިކުރެއްގެ ދިރުމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ އެމްޑީޕީން ވަކިވިޔަސް މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އަމިއްލައަށް އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އަދި މަގާމެއް މުހިންމުވެގެން އެމްޑީޕީގައި ދެމިހުންނަވަން ބޭނުން ނުވާ ކަމަށާއި ގަބޫލުކުރި އަސާސްތަކާއި އުސޫލްތައް އެމްޑީޕީން ފުނޑާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި މި ސަރުކާރު ކުންފުނިތަކުން ހިންގާ ވައްކަމާއި ހިޔާނާތުގެ ވާހަކަތައް މަޖިލީހުގައި ދެއްކުމާއި ބަހުސްކުރުމުގެ ފުރުސަތު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނުދެ އެވެ. އެހެންކަމުން، އެމްޑީޕީން ވަކިވެވަޑައިގަތުން އޭނާ ސިފަކުރެއްވީ "ސިޔާސީ ކަސްތޮޅުން މިނިވަންވުމުގެ" ގޮތުގަ އެވެ.

މަގާމުތަކުންނާއި ޕާޓީން ވަކިކުރާނެ ކަމުގެ ބިރުދެއްކުމާއި އިންޒާރުތައް ލިބުނު ކަމަށާއި އެ ތާށިކަމުގައި ތިބެން ބޭނުން ނުވީ ކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ މަޖިލީހުގެ އެމްޑީޕީގެ 12 މެންބަރަކު އެޕާޓީން އިސްތިއުފާ ދިނީ އިއްޔެ އެވެ.

އެ މެންބަރުން ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފަ އެވެ.