ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އީވާ ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ ވަކިކުރަނީ އެމްޑީޕީން ވަކިވުމަށް ސިޓީ ފޮނުވުމުންނެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކިކުރެވޭ އަދަދަށް އެމްޑީޕީގައި މެމްބަރުން އެބަތިއްބެވި އެވެ. ގާނޫނުއަސާސީގައި ބުނާ ގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތުން ވަކިކުރެވިދާނެ އެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 އެވެ.

އީވާ މަގާމުން ވަކިކުރަން ނިންމީ އެމްޑީޕީން ބުދަ ދުވަހު ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވުމާ ގުޅިގެންނެވެ. ޕާޓީގެ ދަފްތަރުން އީވާ ވަކިކޮށްފައިވާ ކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގައިފަ އެވެ.

މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީން އީވާ ވަކިކުރަން ނިންމީ އެ ޕާޓީގެ މެމްބަރަކު ނޫން ބޭފުޅަކު މަޖިލީހުގެ ނައިބު ރައީސްގެ ގޮތުގައި އިންނަވައި މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުން ނުވާތީ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަވަން ނިންމެވިޔަސް އެމަނިކުފާނު އަދި ޕާޓީން ވަކިވެވަޑަައެއް ނުގަންނަވަ އެވެ.