ސިނަމާލެ ފްލެޓްތައް ތަޅާލާ އަލުން އިމާރާތް ކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްކުރީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 12 މެމްބަރުންގެ އިއްތިފާގުންނެވެ.

އެ ކައުންސިލުން ނިންމާފައި ވަނީ ސިނަމާލެ ފްލެޓްތައް ތަޅާލާ އެތަން އަލުން އިމާރާތް ކުރާށެވެ.

މާލެ ސިޓީ ކައުންސިލުން ސިނަމާލެ ފްލެޓް ތަޅަލުމަށްފަހު ހިންގާ މަޝްރޫއުގައި 1،500 އެޕާޓްމަ ންޓް އިމާރާތް ކުރަން ހަމަޖެހިފައިވެއެވެ. އެއީ ދެ ކޮޓަރީގެ އިމާރަތްތަކާއި ތިން ކޮޓަރިއާއި ހަތަރު ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.

އެ މަޝްރޫއުގެ ދަށުން ފުރަތަމަ ފަސް ޓަވަރު އަލުން ތަރައްގީ ކުރުމަށް ވަނީ ނިންމާފަ އެވެ. ފުރަތަމަ ބައިގަ 700 އެޕާޓްމަންޓު ހެދުމަށް ވަނީ ނިންމާފަ އެވެ. އެގެ ފަހުން 800 އެޕާޓްމަންޓް ހެދުމަށް ވަނީ ނިންމާފަ އެވެ.

މި މަޝްރޫއުގައި ފުރަތަމަ އަޅާ 700 އެޕާޓްމަންޓު އަޅާ ނިމުމުން މިހާރު ސިނަމާލެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން 128 އެޕާޓްމަންޓުގެ މީހުން އެތަންތަނަށް ބަދަލު ކުރާނެ އެވެ. އަދި ކޮންމެ ޓަވަރެއްގެ ވެސް އެންމެ ތިރި ހާއްސަ ކޮށްފައިވަނީ ވިޔަފާރި އަށެވެ. ފްލެޓްތައް ހަދަނީ ސައިކަލާއި ކާރު ޕާކު ކުރެވޭނެ ގޮތަށެވެ.

އެމަޝްރޫއަށް އިންވެސްޓު ކުރުމަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

ސިނަމާލެ ފްލެޓްތައް މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ. އެތަނުގެ މައްސަލަތައް މީގެ ކުރިން ވެސް އެތަންތަނުގައި ދިރިއުޅޭ މީހުން ވަނީ ހުށަހަޅާފަ އެވެ.

ސިނަމާލެ ފްލެޓްތަކަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އަޅާފައިވާ ފްލެޓްތަކެކެވެ.