ކުޑަ ދަރިފުޅަށް އެންމެ ރަނގަޅީ މައިމީހާގެ ގާތުންދޭ ކިރެވެ. ކުއްޖާގެ އުމުރުން ހަމަސް ވަންދެން އިތުރު އެހެން އެއްޗެއް ނުދިނުމަށް ޑޮކްޓަރުން ލަފާދޭ އިރު އޭގެ މުހިއްމުކަން އެނގިގެންދެ އެވެ.

ނަމަވެސް ގާތުން ދިނުމުގައިވެސް ބައެއް ފަހަރު މައިންނަށް ގޯސް ހެދެ އެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ގާތުން ކިރު ދިނުމުގައި މައިންނަށް އާއްމުކޮށް ހެދޭ ބައެއް ގޯސްތަކަށެވެ.

ތަދަށް ފަރުވާކުޑަ ކުރުން

ގާތުން ކިރު ދިނުމަކީ މައިމީހާއަށް ކޮންމެވެސް ވަރަކަށް ތަދު އިހުސާސް ކުރެވޭނެ ކަމެކެވެ. އެހެން ނަމަވެސް ތަދު ބޮޑުވެ ދިގު މުއްދަތަކަށް ދެމިގެންދާނަމަ އެއީ ސިއްހީ އެހީ ހޯދަން ޖެހޭނެ ކަމެކެވެ.

ވަކި ވަގުތުތަކެއް ކަނޑައެޅުން

ބައެއް މައިންނަކީ ގާތުން ކިރުދިނުމަށް ވަކި ވަގުތުތަކެއް ކަނޑައަޅައި އެ ވަގުތުތަކާ އެއްގޮތަށް ކިރުދޭ މައިންނެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމަކީ ކުޑަ ދަރިފުޅު ބަނޑުހައިވެފައި އޮންނަ ވަގުތު ކިރު ދިނުމުން ދުރުކުރުވާ ކަމެކެވެ.

މާ އަވަހަށް ބުއްފުޅި ދިނުން

އާއިލީ، އިޖުތިމާއީ ފިއްތުންތަކުގެ ސަބަބުން ނުވަތަ ވަޒީފާގެ ސަބަބުން ދަރިފުޅަށް މާ އަވަހަށް ބުއްފުޅި ދޭން ފެށުމަކީ ހެދޭ ގޯހެކެވެ. ކުޑަ ދަރިފުޅަށް ބުއްފުޅިއަކުން ފުރަތަމަ ވެސް ކިރު ދޭން ވާނީ އުމުރުން ދެމަސް ފުރުމަށް ފަހު އެވެ.