ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބަޅިނދު" އޮލިމްޕަހުގައި އަންނަ ޑިސެމްބަރުގައި ރިލީޒްކުރަން ނިންމައިފި އެވެ.

މިއީ މިއަހަރު އޮލިމްޕަހުގައި ޑާކްރެއިން އެންޓަޓެއިންމަންޓުން ދައްކާ ދެ ވަނަ ފިލްމެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު "ބީވީމާ" ވަނީ ބެލުންތެރިންނާ ހިސާބަށް ގެނެސްދީފަ އެވެ. އޭގެ ފަހުން ޑާކް ރެއިންގެ "ހިނދުކޮޅެއް" މީޑިއާނެޓްގައި ޑިޖިޓަލްކޮށް ޕްރީމިއާކޮށްފަ އެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ ގިނަ މަސައްކަތް ކުރަމުން އަންނަ އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން "ބަޅިނދު" ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށި މިފިލްމަކީ އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ. މިއީ ޝިނާންގެ ތިން ވަނަ ޑައިރެކްޝަނެވެ. އޭނާ ކުރިން ޑައިރެކްޓު ކުރި "4426" އަދި "ގޮށްރާޅު" ވެސް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފަ އެވެ.

"ބަޅިނދު" ގައި މުހިންމު ރޯލުތަކުން ފެނިގެން ދަނީ އާމިނަތު ރަޝްފާ (އާޝާ)، ނުޒުހަތު ޝުއައިބު، އައިޝާ އަލީ، ހުނައިޝާ އާދަމް، މަރިޔަމް މަޖުދާ، އަލީ އާޒިމް (ދޮން އައްޔަ)، ޝަރަފް އަބްދުﷲ ގެ އިތުރުން އިސްމާއިލް ޖުމައިހު އެވެ.