ދަރިމައިވުމުގެ މައްސަލަތައް މުޖްތަމައުގައި ގިނަވަމުން ދާއިރު، މި މައްސަލަތަކަށް ފަރުވާ ނުވަތަ ހައްލުތަކެއްތަކެއްވާ ކަން އެނގުން މުހިންމެވެ. އެގޮތުން މި ފަރުވާތަކުގެ ތެރޭގައި ހިމެނޭ މަގުބޫލު އެއް ފަރުވާއަކީ އިންޓްރާ ޔުޓެރައިން އިންސެމިނޭޝަން ( އައިޔޫއައި) އެވެ.

އައިޔޫއައިގެ މައިގަނޑު މަގްސަދަކީ ފެލޯޕިއަން ޓިއުބް އާއި ހަމައަށް ވާސިލްވާ ދަރިފަނީގެ އަދަދު އިތުރުކޮށްދިނުމެވެ. މީގެ ސަބަބުން ބަލިވެ އިނުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. އައިޔޫއައިއަކީ އޮވިޔުލޭޓްވާ ދުވަސްވަރުގައި ކެތިޓާ އެއްމެދުވެރިކޮށް އަނބިމީހާގެ ރަހިމުގެ ތެރެއަށް ފިރިމީހާގެ ދަރިފަނި ލައިގެން ދަރިމައިވުމަށް ދެވޭ ފަރުވާއެކެވެ. މިއީ ބަލިވެއިނުމުގެ ފުރުސަތު ތަނަވަސްކުރުމަށްޓަކައި ދެވޭ ފަރުވާއެކެވެ.

އާންމު ގޮތެއްގައި ޑޮކްޓަރުން އައިޔޫއައި ހެދުމަށް ލަފާދޭނީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބަލިވެ އިނުމަށް މަސައްކަތްކޮށް ނާކާމިޔާބުވެފައިވާ ދެމަފިރިންނަށާއި އަދި މިނޫން ވެސް ދަރިމައިވުމުގެ އެހެނިހެން މައްސަލަތައް ހުންނަ ފަރާތްތަކަށެވެ. މީގެ ތެރޭގައި ދަރިފަނީގެ އަދަދު މަދުވުން ކަހަލަ މައްސަލަތައް ހިމެނެ އެވެ.

އައިޔޫއައި ކުރިއަށްގެންދާ ގޮތަށް ބަލާއިރު، އެންމެ ފުރަތަމަ އަނބިމީހާގެ ހައިޟުގެ މުއްދަތު ރަނގަޅަށް މޮނިޓާކޮށް، ބަލައި އޮވިއުލޭޓް ވާ ދުވަސްކޮޅު ދެނެގަންނާނީ އެވެ. އެގޮތުން ބައެއް ބޭފުޅުންގެ އޯވަރީ ސްޓިމިއުލޭޓް ކުރުމަށްޓަކައި ޑޮކްޓަރު ކާ ބޭސް ނުވަތަ އިންޖެކްޝަން ދެއްވާނެ އެވެ. މި ޕްރޮސެސްއަށް ކިޔަނީ އޯވަރީ ސްޓިމިއުލޭޝަން އެވެ. އެއަށްފަހު އޮވިއުލޭޝަން ފެށޭ ހިސާބުން ފިރިމީހާގެ ދަރިފަނި ލެބޯރަޓަރީގައި ސާފްކޮށް، ކޮންސެންޓްރޭޓް ކުރުމަށްފަހު، ކުޑަ ކެތެޓާއެއް މެދުވެރިކޮށް ސާފުކޮށް ދަރިފަނި އަނބިމީހާގެ ރަހިމުގެ ތެރެއަށް ދޫކޮށްލެވެ އެވެ. މި ޕްރޮސީޖާ އަކީ ތަދެއްނުވާ އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަދާލެވޭ ޕްރޮސީޖާއެކެވެ.

އައިޔޫއައިއަކީ އާންމު ގޮތެއްގައި އޭގެ ސަބަބުން އެއްވެސް ނުރައްކަލެއް މެދުވެރިވާ ޕްރޮސީޖާއެއް ނޫނެވެ. އެގޮތުން އައިޔޫއައި ގައި މައިގަނޑު ނުރައްކަލެއްގެ ގޮތުގައި ބެލެވޭ ކަމަކީ އެެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނަ ކުދިންނަށް ބަލިވެއިނުމުގެ ފުރުސަތު ބޮޑުވުމެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިކަން ދިމާވަނީ އައިޔޫއައި ހަދާ ކޮންމެ ފަސްމީހުންގެ ތެރެއިން އެކަކަށެވެ. ހަމަ މިއާއެކު އައިޔޫއައި މެދުވެރިކޮށް ބަލިވެ އިނުމުގެ ފުރުސަތު ކޮންމެ އައިޔޫއައި ސައިކަލެއްގައި 10 ޕަސެންޓާ އާއި 20 ޕަސެންޓާ ދެމެދުގައި އޮވެ އެވެ. އެހެންކަމުން ހަ ސައިކަލްއަށްފަހު ބަލިވެއިނުމުގެ ފުރުސަތަކީ 60 ޕަސެންޓް އާއި 80 ޕަސެންޓާ ދެމެދުގެ އަދަދެކެވެ. ނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ބަލިވެ އިނުމުގެ ފުރުސަތައް އެހެނިހެން ކަންކަމުން އަސަރުކުރާކަމެވެ. މީގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަށިގަނޑަށް ބޭނުންވާ ވިޓަމިން އަދި މިނެރަލްސް ފަދަ ތަކެތި މަދުވުމާއި މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ހިމެނެ އެވެ. ހަމަ އެހެންމެ އައިޔޫއައި ކާމިޔާބުވާ ނިސްބަތް އެކި މީހުންގެ މެދުގައި ތަފާތުވެގެންދާނެ އެވެ. އެހެންކަމުން އެ މީހަކު ބަލިވެއިނުމުގެ ފުރުސަތު އޮތް މިންވަރު ބެލުމަށް ޑޮކްޓަރަކާ މަޝްވަރާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އެހެންކަމުން އައިޔޫއައިގެ ފަރުވާއަށް އެދިލައްވާނަމަ ތަޖުރިބާކާރު ފާޓިލިޓީ ޑޮކްޓަރެއްގެ ލަފާ އާއި އިރުޝާދު ހޯދުން ވަރަށް މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި އާއިލާއެއްގެ ހުވަފެން ދެކެމުން އަންނަ ދެމަފިރިންގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި އެހީތެރިވެދޭނެ ތަޖުރިބާކާރު، ހުނަރުވެރި، އޯގާތެރި ސްޕެޝަލިިސްޓުން ތިއްބަވާނެ އެވެ. އެގޮތުން މި ޚިދުމަތްތައް ކޮންމެ މީހަކަށް އެ މީހާކާ އެންމެ އެކަށޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދެވޭނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުންވަނީ ރާއްޖޭގެ އެންމެ ފުރަތަމަ ފާޓިލިޓީ ސެންޓަރުގެ އަމަލީ މަސައްކަތްތައް ނިމި ހުޅުވަން ތައްޔާރުވެފަ އެވެ. މި ސެންޓަރު މެދުވެރިކޮށް އައިޔޫއައި އަދި އައިވީއެފްގެ ޚިދުމަތްތައް ލިބިގެންދާނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ތަޖުރިބާކާރު ޑރ. ޒަކިޔާ އަކީ ދަރިމައިވުމުގެ ދާއިރާއިން ވަރަށް ތަޖުރިބާކާރު ޑޮކްޓަރެކެވެ. ޑރ ޒާކިޔާގެ މަގްސަދަކީ ދަރިމައިވުމުގެ މައްސަލަތަކުގެ ފަރުވާތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްޚީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރު ވެސް މި ހޮސްޕިޓަލްއިން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.