ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ފައިލްތައް ދިނުމަށް ކްރިމިނަލް ކޯޓުން ދައުލަތަށް އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ދައުވާ ލިބެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި އަހުމަދު ކްރިކް ރިޒާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ. ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ރައީސް ޔާމީންގެ މައްޗަށް އެ މައްސަލާގައި ދައުވާކުރަނީ އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުކޮށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ދިފާއު ބިނާ ކުރުމަށް ފަސޭހަ ވާނީ ތަހުގީގު ރިޕޯޓުތައް ލިބުމުން ކަމަށެވެ. އެހެންވެ އެ މައްސަލައިގެ ތަހުގީގު ރިޕޯޓުތައް ރައީސް ޔާމީންގެ ވަކީލުންނަށް އެފައިލްތައް ބެލުމުގެ ފުރުސަތަކަށް ޖަމީލް ވަނީ އެދިވަޑައިގެންފަ އެވެ.

އެގޮތުން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރިޔާސީ ކޮމިޝަން އިން މައްސލަ ބެލިގޮތުގެ ތަހުގީގު ފައިލްތައް ހޯދުމަށް ވަކީލުން އެދުނެވެ. އަދި އެފައިލްތައް ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަން ވަކީލުން ފާހަގަ ކުރެއްވި އެވެ.

އެމައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ނިންމެވީ ދައުލަތުން އެމައްސަލައިގެ ތަހުގީގު ފައިލްތައް ޔާމީންގެ ވަކީލުންނަށް ދިނުމަށެވެ.

އެގޮތުން ފަސް ދުވަސް ތެރޭގައި އެފައިލްތައް ދައުލަތުން ހޯދުމަށްފަހު ފައިލްތަކުގެ އަސްލު ހިފައިގެން ކޯޓަށް ހާޒިރުވުމަށް ގަޒީ އެންގެވި އެވެ.

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ އެމައްސަލަ ފުލުހުންނާއި އޭސީސީ އިން ތަހުގީގު ކުރިއިރު ތަހުގީގީ އިދާރާއަކީ ކޮބައިކަން ނޭންގޭ ކަމަށެވެ. އަދި ތަހުގީގު ހިންގާފައިވަނީ ފުރިހަމައަށް ހައްގުތައް ނުލިބޭ ގޮތަކަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މިމައްސަލާގައި ރައީސް ޔާމީންގެ އިތުރުން ދައުވާ ކުރަނީ ކްރިކް ރިޒާ އާއި، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކި ބަލައިނުގަތުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

ވ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި ހެކި ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، ނަމަވެސް އެ މައްސަލަ އަލުން ކުރިމިނަލް ކޯޓަށް ފޮނުވަންޖެހޭ ސަބަބެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.