މިމަހަކީ ބޮލީވުޑް ގިނަ ފިލްމުތަކެއް ސިނަމާގައި ރިލީޒްކުރުމަށް ނިންމާފައިވާ މަހެކެވެ. މަޝްހޫރު އެކްޓަރުންގެ ފިލްމުތަކާއި ކުރިއަރަމުން އަންނަ ފަންނާނުންގެ ފިލްމުތައް ހިމެނެ އެވެ. އަދި މިއަހަރު އެންމެ އިންތިޒާރު ކުރެވޭ ބައެއް ފިލްމުތައްވެސް މިމަހު ރިލީޒް ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.

މީގެ އިތުރުން ބޮޑު ބަޖެޓަކުން ހަދާފައިވާ ފިލްމުތައްވެސް ހިމެނެ އެވެ.

މިމަހު ގިނަ ފިލްމުތަކެއް ރިލީޒްކުރާއިރު ތަފާތު ޖީންރާތަކުގެ ފިލްމުތައް ހިމެނެ އެވެ.ރޮމޭންޓިކް ކޮމެޑީ ފިލްމުތަކުން ފެށިގެން އެކްޝަން ތްރީލާ ފިލްމުތައް ހިމެނެ އެވެ.

"ޒަރަ ހަޓްކޭ ޒަރަ ބަޗްކޭ" މިފިލްމަކީ ސާރާ އަލީ ޚާނާއި ވިކީ ކޯޝަލް އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މިއަދު ސިނަމާގައި ރިލީޒް ކުރާ މިފިލްމަކީ މިމީ" އާއި "ލުކާ ޗުއްޕީ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ލަކްޝްމަން އުޓޭކަރް ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ.

މިމަހުގެ 16 ވަނަ ދުވަހު ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވާ "އަދީޕޫރުޝް" އަކީ ބޮލީވުޑަށް ނުކުންނަ އެންމެ އަގު ބޮޑު އަދި އެންމެ އުންމީދީ ފިލްމެވެ. ނަމަވެސް ފިލްމުގެ ޓީޒާ ނުކުތުމާއެކު މީހުންގެ ފާޑުކިއުންތައް އަމާޒުވި އެވެ. މިފިލްމުގައި ފެނިގެންދާ ތަރިންނަކީ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ސައިފް އަލީ ޚާން އަދި ކްރިތީ ސެނަން ފެނިގެންދާނެ އެވެ.

މި ފިލްމަކީ އިންޑިއާގެ ހީންދޫންގެ ތެރޭގައި ކިޔައިއުޅޭ މަޝްހޫރު ހުރާފީ ވާހަކައެއް ކަމަށްވާ ރާމަޔަން އަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތު އެވެ. އޭނަ އަކީ 2020 ގައި އަޖޭ ދޭވްގަނާ އެކީ ކާމިޔާބު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރެވެ.

ފްރާންސްގެ 2011 ވަނަ އަހަރުގެ ފިލްމެއްގެ ރަސްމީ އެޑަޕްޓޭޝަންގެ ގޮތުގައި ނެރޭ 'ބްލަޑީ ޑެޑީ' އަކީ މިމަހު 9 ގައި ޖިއޯ ސިނަމާއިން ސްޓްރީމްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެކްޝަން ތުރިލާގެ ބަތަލުގެ ގޮތުގައި ޝާހިދު ކަޕޫރު ފެނިގެންދާއިރު ރޮނިތު ރޯއީ، ސަންޖޭ ކަޕޫރު އަދި ޑަޔާނާ ޕެންޓީ ވެސް މިފިލްމުން ފެނިގެންދާނެ އެވެ.

މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި، ބްލަޑީ ޑެޑީ ވެގެންދާނީ އިންޑިއާގެ ފިލްމީ ތާރީހުގައިވެސް ޑިޖިޓަލްކޮށް ރިލީޒް ކުރާ އެންމެ ބޮޑު އެއް ފިލްމަށެވެ.

އެ ފިލްމުގެ ވާހަކަގަނޑު މައިގަނޑު ގޮތެއްގައި ބިނާ ކޮށްފައިވަނީ މަސްތުވާތަކެއްޗަށެވެ. ފިލްމުގައި އެކި ކަހަލަ ކުށްތަކުގެ ވާހަކަ ހިމަނާފައިވެ އެވެ..

މިމަހު 23 ގައި ސިނަމާތަކުގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ "މައިދާން" އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމެކެވެ. "މައިދާން" އަކީ އިންޑިއާގެ ޒަމާނީ ފުޓްބޯޅައިގެ ބައްޕަ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާއެކެވެ.

މީގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ އެވެ. "މައިދާން" ގެ ކާސްޓްގައި ދެކުނުގެ ބަތަލާ ޕްރިޔަމަނީ އާއި ގަޖްރާޖް ރާއޯ އަދި ރުދުރަނިލް ގޯޝް ހިމެނެ އެވެ

ގިނަބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމްތަކުގެ ތެރޭގައި "ސަތިއަޕްރޭމް ކީ ކާތާ" ހިމެނެ އެވެ. މިމަހުގެ 29 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި ކިއާރާ އަދުވާނީ އެވެ. ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަމީރު ވިދުވަންސް ޑައިރެކްޓްކުރި މި މިއުޒިކަލް ރޮމޭންސް ފިލްމެކެވެ.

މީގެ އިތުރުންވެސް މިމަހު ގިނަ ފިލްމުތަކެއް ބެލުންތެރިންނަށް ފެނިގެންދާނެ އެވެ.