ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް، މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ މުހައްމަދު އަހުމަދު ރައީސް މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފި އެވެ.

މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން މި މަގާމަށް އައްޔަނުކުރެއްވި މުހައްމަދު އަހުމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން 40 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ބޭފުޅެކެވެ.

މުހައްމަދު އަހުމަދު ކުރިން އަދާކުރައްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމު ހިމެނެއެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ސޮލަރެލް އިންޝުއަރަންސްގައި ވެސް އޭނާ ވަނީ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

ތައުލީމީ ދާއިރާއަށް ބަލާއިރު، މުހައްމަދު އަހުމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރްހަމް ޔުނިވާސިޓީ ބިޒްނަސް ސްކޫލުން މާސްޓަ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލްކުރައްވާފަ އެވެ. އަދި އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވެއެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން މަނިކު މިދިޔަ އޭޕްރީލް މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.