އެމެރިކާގެ ކުރީގެ ވައިސް ޕްރެޒިޑެންޓް މައިކް ޕެންސް ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވުމަށްޓަކައި ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.

ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ނިންމެވުމާ ގުޅިގެން ޕެންސަށް ޖެހިވަޑައިގަންނަވާނީ އޭނާގެ ކުރީގެ ބޮސް ޑޮނަލްޑް ޓްރަމްޕާ ވާދަކުރެއްވުމަށެވެ.

ޕެންސް މިހާރު ވަނީ ކެންޑިޑެސީ ހޯއްދެވުމަށްޓަކައި ކެމްޕެއިން ކުރެއްވުމަށް ބޭނުންވާ ރަސްމީ ލިޔެކިޔުންތައް އިދާރާތަކަށް ހުށަހަޅުއްވާ އެވެ. ކެމްޕޭން ރަސްމީކޮށް ފަށްޓަވާ ގޮތަށް ހަމަޖެހިފައި ވަނީ އޭނާގެ 64 ވަނަ އުފަން ދުވަސް ކަމަށްވާ އަންނަ ބުދަ ދުވަހު އެވެ.

އެމެރިކާގެ 48 ވަނަ ނައިބު ރައީސް ޕެންސާއި އޭނާގެ ކުރީގެ ވެރިޔާ ޑޮނަލްޑް ޓްރަމަޕާ ދެމެދު ގުޅުން ކެނޑުނީ ރިޔާސީ އިންތިޚާބުގައި ބަލިވެވަޑައިގެންނެވުމަށް ފަހު ހިނގި ހަމަނުޖެހުންތަކަށް ޓްރަމްޕް ހިތްވަރުދިނުމާ ގުޅިގެންނެވެ. އިންތިޚާބުގެ ނަތީޖާ ޓްރަމްޕް ގަބޫލު ނުކުރައްވާ އިރު، ޕެންސް ދެކެވަޑައިގަންނަވަނީ ޓްރަމްޕުގެ އެ އަމަލަކީ ރަނގަޅު ނޫން އަމަލެއް ކަމަށެވެ.

ޕެންސް ވިދާޅުވާ ގޮތުގައި އިންތިޚާބުގެ ނަތީޖާއަކީ ގައުމުގެ ރައްޔިތުންގެ ހައްގެކެވެ. އެކަމާ ދެކޮޅު ހެދުމުގެ އިޚުތިޔާރު އެކަކަށް ވެސް ލިބިގެން ނުވެ އެވެ.

ރިޔާސީ އިންތިޚާބުގެ ޓިކެޓް ހޯއްދެވުމަށް ނޮމިނޭޓްވުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ.

ޓްރަމްޕާ ދެކޮޅަށް ޕެންސް ނިކުންނަވާ އިރު ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނީ އެ ރޭހަށް ގިނަ ބަޔަކު ކުރިމަތިލުމުގެ ސަބަބުން ޓްރަމްޕާ އިދިކޮޅު ފަރާތްތަކުގެ ވޯޓު ބައިބައިވުމުގެ ފުރުސަތު އޮތުމެވެ. އެފަދަ ހާލަތެއްގައި ޓްރަމްޕަށް ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެ ފަރާތްތަކުން ދެކެ އެވެ.