ލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ޑި ސިލްވާ އަށް ދުބާއީގައި ގޯލްޑަން ވިސާ ލިބިއްޖެ އެވެ.

ފޭސްބުކް ޕޯސްޓެއްގައި ޔޯހާނީ ބުނެފައިވަނީ ދުބާއީގައި ލިބުނު ޝަރަފުވެރި ގޯލްޑަން ވިސާގެ ޝަރަފު ލިބުމުން ވަރަށް އުފާވި ކަމަށެވެ. މިވިސާއާއެކު ޔޯހާނީއަށް ޔޫއޭއީގައި ދިރިއުޅުމުގެ އިތުރުން ކިޔެވުމާއި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ދުބާއީގައި ގޯލްޑަން ވިސާ ދެނީ އިންވެސްޓަރުންނާއި ވިޔަފާރިވެރިންނާއި ސައިންސްވެރިންނާއި ފާހަގަކޮށްލެވޭ ދަރިވަރުންނާއި ދަސްވެނިންނާއި ހިއުމެނިޓޭރިއަން ޕައިނިއަރުންނާއި ފްރޮންޓްލައިން ހީރޯއިން ހިމެނޭ ގޮތަށް އެކި ދާއިރާތަކުން މޮޅުވާ ބޭރުގެ ހުނަރުވެރިންނެވެ.

ޔޯހާނީ އަކީ ސްރީ ލަންކާގެ 27 އަހަރުގެ ލަވަކިޔުންތެރިޔެއް އަދި އަދި މިއުޒިކް ޕްރޮޑިއުސަރެކެވެ. ޔޯހާނީ މަޝްހޫރު ވެފައިވަނީ ޔޫޓިއުބްގައި ލަވަކިޔައިގެންނެވެ. އަދި އޭނާ ޑެބިއޫ ކޮށްފައިވަނީ މިދިޔަ އަހަރު "އާޔޭ" ނަމަކަށް ކިޔާ ސިންގަލްއަކުންނެވެ. ގިނަ ބައެއްގެ މެދުގައި ޔޯހާނީ މަޝްހޫރު ވެފައިވަނީ ރެޕް ލަވަކިޔުމުގެ ހުނަރުގެ ސަބަބުންނެވެ. އެއާއެކު އޭނާ އަށް ވަނީ ލަންކާގެ "ރެޕް ޕްރިންސެސް"ގެ ނަން ދީފަ އެވެ.

ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ޔޯހާނީއަށް ލިބިގެންދިޔައީ "މަނިކޭ މަގޭ ހިތޭ" ލަވަޔަށް ފަހު އެވެ.

އަދި ޔޫޓިއުބްގެ ޖުމްލަ 3.6 މިލިއަން ސަބްސްކްރައިބަރުން ފަހަނައަޅައި ދިޔަ ލަންކާގެ ފުރަތަމަ އަންހެން ލަވަކިޔުންތެރިޔާގެ މަގާމުވެސް އޭނާ ވަނީ ލިބިފަ އެވެ.