މައްޗަންގޮޅި މެދު ދާއިރާ ތަމްސީލުކުރަން ކެތްމަދުވެފައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ދެއްކެވި ވާހަކައަކަށް ފަހު ނަޝީދު ވިދާޅުވީ މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ބަހުސް ކުރައްވަން ކެތް މަދުވެފައި ހުންނެވި ކަމަށެވެ.
"އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ކެތްމަދުވެފައި ހަގީގަތުގައި ރިޔާސަތުގައި މި އިންނަނީ. އުންމީދު ކުރެވެނީ މެދު ދާއިރާގެ ބަހުސްގައި ބައިވެރިވެވޭނެ ކަމަށް،" ރިޔާސަތުގެ ގޮނޑީގައި އިންނަވައި ނަޝީދު ވިދާޅުވި އެވެ.
ހަސަން ލަތީފު ވާހަކަ ދެއްކެވީ ނަޝީދުގެ އަރިސްބޭފުޅުން އުފައްދަވާ އާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އިން ގެންގުޅޭނެ ސިޔާސަތުތަކުގެ ވާހަކަ އެވެ. އެ ޕާޓީން ފައިދާހުރި ސިޔާސަތުތަކެއް ގެންގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށްޓަކައި މަޖިލިހަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ފާސްކޮށް، ސޮއި ހޯދަން ފަށާފަ އެވެ. މިހާތަނަށް 54 މެމްބަރުން ވަނީ ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު, ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ.