ކައިވެންޏަކީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ހިނގާ އެންމެ ހާއްސަ ކަމެވެ. ބައިވެރިޔަކާއެކު ކައިވެނީގެ ގޮށުން މޮހެވޭއިރު މި ގުޅުމާ ބެހޭ ގޮތުން ކުރެވޭ ކުށްހީތަކެއް ވެސް ކުރެ އެވެ. އެފަދަ ބައެއް ކުށްހީތަކަށް ބަލާލާނަމެވެ.
ކައިވެނީގެ ގުޅުމަކީ ފަސޭހަ ގުޅުމެއް
ކައިވެންޏަކީ ވެސް ހަމަ ލޯބީގެ ގޮތުން ގުޅިގެން އުޅުން ފަދަ ކަމެއް ކަމަށް ހީވެފައި އޮވެ އެވެ. ނަމަވެސް ލޯބީގެ ގޮތުން ގިނަ އަހަރުތަކެއް އެކުގައި އުޅެވުނު ނަމަވެސް ކައިވެންޏަށްފަހު މާ ގިނަ ދުވެހެއް ނުވެ ވަކިވާ މީހުން ވެސް އުޅެ އެވެ. ކައިވެންޏަކަށްފަހު ބައިވެރިޔާގެ ފަރާތުން ފެންނަ ބައެއް ކަންކަމަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ފެންނާނެ ކަންކަމެއް ނޫނެވެ.
އެކަކު އަނެކަކުގެ އިހުސާސްތައް އަމިއްލައަށް ދެނެގަނެވޭނެ
އަހަރުމެން އެންމެންނަކީ ވެސް އިންސާނުންނެވެ. އެކީގައި އުޅުނު ނަމަވެސް މީހެއްގެ ހިތުގައި ފޮރުވިފައިވާ ބައެއް ކަންކަން އަނެކާއަށް ނޭނގި ހުރެދާނެ އެވެ. އެހެން ކަމުން ތިމާގެ އިހުސާސްތައް ބައިވެރިޔާއާ ހިއްސާ ކުރުމަކީ ކައިވެންޏެއްގައި ވަރަށް މުހިއްމު ކަމެކެވެ.
ވަރުގަދަ ކައިވެންޏެއްގައި އަރާރުމެއް ނުވާނެ
ހަގީގަތަކީ ކައިވެނި ކޮށްގެން އުޅޭ ދެމީހުންނަކީ ވެސް ދޭދޭ ދެ މީހުން ކަމެވެ. ކޮންމެ މީހެއްގެ ވެސް އަމިއްލަ ހިޔާލުތަކާއި ފިކުރުތައް ހުންނާނެ ކަމެވެ. އެ ހިޔާލުތަކާއި ފިކުރުތައް ބައިވެރިޔާއާ ތަފާތު ވެދާނެ ކަމެވެ. މިފަދަ ހާލަތެއްގައި އަރާރުން ވުމަކީ ނުވެ ނުދާނެ ކަމެކެވެ.
ދަރިއަކު ލިބުމަކީ ގުޅުން ވަރުގަދަ ކޮށްދޭ ކަމެއް
ޝައްކެއް ވެސް ނެތް ގޮތުގައި ދަރިއަކު ލިބުމަކީ ދެމަފިރިންގެ ހަޔާތަށް އުފާވެރިކަން ގެނުވާ ހަޔާތް ފުރިހަމަ ކޮށްދޭނެ ކަމެކެވެ. އެހެން ނަމަވެސް ދަރިއަކު ލިބުމަކީ ތިމާގެ ވަގުތާއި އެހީތެރިކަން ތިންވަނަ ފަރާތަކަށް (ދަރިފުޅަށް) ދޭންޖެހޭނެ ކަމެކެވެ. މި ސަބަބާހުރެ ދަރިއަކު ލިބުމަށްފަހު އެކަކު އަނެކަކާ ދުރުވާ ދެމަފިރިން ވެސް އުޅެ އެވެ.
ހަމައެކަނި ޖިންސީ ގުޅުން ހިންގުމަށް އޮތް މަގެއް
ބައެއް މީހުން ކައިވެނި ކުރަނީ ޖިންސީ ގުޅުން ހަލާލު ގޮތުގައި ހިންގުމަށެވެ. އެފަދަ މީހުންނަށް ނޭނގި އޮތް ކަމަކީ ކައިވެނިން ލިބޭ އުފާތަކާއެކު ޒިންމާތަކާއި މަސްއޫލިއްޔަތުތަކެއް ވެސް އަންނަ ކަމެވެ. ހަމައެކަނި ޖިންސީ އުފާ ހޯދައިގެން ކައިވެނި ފުރިހަަމަ ނުވާނެ ކަމެވެ.