ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލައިޒްކޮށް އައިޓީ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން "ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް އައި.ޓީ އިންފްރާސްޓްރަކްޗާ ހަރުދަނާކުރުން" މަޝްރޫއު އިފްތިތާހްކޮށްފި އެވެ.

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި ސިއްހީ ހިދުމަތްތައް ޑިޖިޓަލްކުރަން ސަރުކާރުން ފެށި މަސައްކަތަކީ އިންގިލާބީ ބަދަލެއް ގެނުވާނެކަމެއްކަމަށާއި މިއީ ގިނަ ބަޔަކު އިންތިޒާރުކުރިކަމެއްކަމަށެވެ.

"ސިއްހީ ދާއިރާއަށް މި ގެނެވެނީ ކުޑަކުޑަ ބަދަލެއް ނޫން. އިންގިލާބީ ބަދަލެއް. ހާއްސަކޮށް ރާއްޖޭގެ އަތޮޅުތަކުގައި އެތަކެއް އަހަރުތަކެއް ވަންދެން ރާއްޖޭގެ ރައްޔިތުން އިންތިޒާރުކޮށްގެން ތިބި ބަދަލެއް. އާދެ އަޅުގަނޑުމެންނަށް އެބަ ފެނޭ އަންނަ ބަދަލުތައް. މިއީ ފެންނަން ހުރި ހަގީގަތްތައް. މިއީ ހަމައެކަނި ދައްކާލައި ވާހަކައަކުން އޮންނަ ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ހޮސްޕިޓަލުތަކުގެ ރެކޯޑުތައް ބެލެހެއްޓުމާއި މެނޭޖުކުރުމަކީ ޒަމާނާ އެއްގޮތަށް ބަދަލުކުރަން ޖެހޭ ކަންކަންކަމަށެވެ. އެ ކަން ކުރުމަަށް ޓަކައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށް ޚިދުމަތް ރަނގަޅުކުރަން ޖެހޭކަމަށެވެ. އަދި ޒަމާނީ ފެންވަރަކަށް ހިދުމަތްތައް ދިނުން ބަދަލުކުރުމަކީ އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ވަރުގަދަނުކޮށް ކުރެވޭނެކަމެއް ނޫންކަމަށާއި އައިސީޓީގެ ނިޒާމު ވަރުގަދަކުރުމަކީ އެކަށީންވާ އަވަސް ހިދުމަތެއް ދިނުމަށް ވެސް މުހިންމު ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

މިއަދުގެ ހަފުލާގެ ތެރެއިން ފަސް ރީޖަނަލް ހޮސްޕިޓަލަށާއި 15 އަތޮޅު ހޮސްޕިޓަލުގެ އިތުރުން 163 ސިއްހީ މަރުކަޒަށް އައިޓީ އިކުއިޕްމަންޓް ހަވާލުކޮށްފައިވެ އެވެ. މުޅި މި މަޝްރޫއަށް 56 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަވާކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި މަޝްރޫއުގެ ދަށުން އެކި ރަށްރަށަށް ޖުމްލަ 608 ކޮމްޕިއުޓަރު ސިސްޓަމާއި، 44 ލެޕްޓޮޕާއި 500 ޓެބްލެޓުގެ އިތުރުން 14 ވީޑިއޯ ކޮންފަރެންސް ސިސްޓަމްވަނީ ދީފައެވެ. އަދި 551 ޕްރިންޓަރު ވެސް ދީފައިވެ އެވެ.