ހަފުތާގެ މަސައްކަތު ދުވަސްތަކުގައި ނިދި މަދުވުމަށްފަހު، ހަފުތާ ބަންދުގައި ކޮންމެވެސް ވަރަކަށް އިތުރަށް ނިދާލުމަކީ ކަންނެތް ކަމެއް ކަމަށް ދެކި އަމިއްލަ ނަފްސު ކުށްވެރި ކުރަން ނުޖެހޭ ކަމަށާއި، މިއީ ހަށިގަނޑުގެ ލޭގެ ޕްރެޝަރު ދަށްކޮށްދީ ސިއްހަތަށް ފައިދާކުރާ ކަމެއް ކަމަށް އައު ދިރާސާއަކުން ދައްކައިފި އެވެ.
ޖަރުމަނުގެ މިއުނިކްގައި ބޭއްވުނު "ޔޫރަޕިއަން ސޮސައިޓީ އޮފް ކާޑިއޮލޮޖީ" (އީއެސްސީ) ގެ އަހަރީ ބައްދަލުވުމުގައި ހުށަހެޅި މި ދިރާސާ އުފައްދާފައިވަނީ ދެކުނު ކޮރެއާގެ ކޮރެއާ ޔުނިވާސިޓީގެ ތަހުގީގީ ޓީމަކުންނެވެ.
ޖުމްލަ 40,000 މީހުންގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ހަތް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި، ހަފުތާ ތެރޭގައި މަދުން ނިދޭ ނިދުން ހަފުތާ ބަންދުގައި ފުރިހަމަ ކުރުމަކީ ލޭމައްޗަށް ދިއުމުގެ ނުރައްކާ އާއްމުކޮށް ހަ ޕަސެންޓަށް ކުޑަކޮށްދޭ ކަމެކެވެ.
ދިރާސާގެ އިސް މުސައްނިފު ޑޮކްޓަރު ނާވޮން ލީ ވިދާޅުވި ގޮތުގައި، ހަފުތާ ތެރޭގައި އެކަށީގެންވާ ވަރަށް ނިދި ނުލިބުމަކީ ހަށިގަނޑާއި، ހިތާއި، ލޭ ދައުރުވާ ނާރުތަކަށް އިތުރު ބާރު ބޮޑުވެ، ލޭގެ ޕްރެޝަރު މަތިވާ ކަމެކެވެ.
އެއާއެކު ހަފުތާ ބަންދުގައި އިތުރަށް ނިދާލުމުން ހަށިގަނޑަށް އެ ލިބުނު ތަކުލީފުތަކުން އަރައިރަތުމަށް ފުރުޞަތު ލިބިގެންދެ އެވެ.
އެންމެ އެކަށީގެންވާ ދިގުމިނަކީ 1 ގަޑިއިރާއި 27 މިނެޓު
މި ދިރާސާއިން ހާމަވި ގޮތުގައި، ހަފުތާ ބަންދުގައި އިތުރަށް ނިދުމުގައި އެންމެ އެކަށީގެންވާ (އައިޑިއަލް) ދިގުމިނަކީ އެއް ގަޑިއިރާއި 27 މިނެޓެވެ. މި މިންވަރަށް އިތުރަށް ނިދާ މީހުންގެ ލޭމައްޗަށް ދިއުމުގެ ނުރައްކާ ކުޑަ ވަނީ ނުވަ ޕަސެންޓަށެވެ.
އާއްމުކޮށް ކަސްރަތު ނުކުރާ މީހުން ހަފުތާ ބަންދުގައި އިތުރަށް ނިދާނަމަ، ލޭ މައްޗަށް ދިއުމުގެ ފުރުސަތު 6.9 ކުޑަވާކަން ވެސް ފާހަގަކުރެވުނެވެ.
މާ ގިނައިން ނިދުމަކީ ވެސް ގެއްލުންހުރި ކަމެއް
ނަމަވެސް، އިތުރަށް ނިދުމުގައި މިންގަނޑެއް ހިފަހައްޓަން ޖެހޭ ކަމަށް ޑޮކްޓަރު ލީ ވަނީ އިންޒާރު ދެއްވާފަ އެވެ. ހަފުތާ ބަންދުގައި އާންމުކޮށް ނިދާ މިންވަރަށް ވުރެ 4 ގަޑިއިރަށް ވުރެ އިތުރަށް ނިދާ މީހުން ލޭ މައްޗަށް ދިއުމުގެ ނުރައްކާ ބޮޑުވާކަން ދިރާސާއިން ދައްކަ އެވެ. ސަބަބަކީ ހަށިގަނޑުގެ ގުދުރަތީ ގަޑިއަށް ބޮޑެތި ބަދަލުތަކެއް އައުމެވެ.
އެހެންކަމުން، މާގިނައިން ނިދުމުގެ ބަދަލުގައި 1-2 ގަޑިއިރާ ދެމެދުގެ ވަގުތުކޮޅަކަށް އިތުރަށް ނިދުމަކީ ހަފުތާ ތެރޭގައި ގެއްލުނު ނިދި ފުރިހަމަކޮށް، ހިތުގެ ޞިއްޙަތު ރައްކާތެރި ކުރުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
ކެޓްރީނާގެ ދިފާއުގައި ކުރީގެ ލޯބިވެރިޔާ ސަލްމާން ވެސް ތެދުވެއްޖެ
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
ތިން އަހަރަށްފަހު ޣައްޒާގެ ސުކޫލުތަކުގައި ކިޔަވަން ފަށައިފި