ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ ޑިވެލޮޕްމެންޓް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.

ޓީޓީއޭއެމްއަކީ ރާއްޖޭގައި އިންތިޒާމްކޮށް ބާއްވާ ޓޭބަލް ޓެނިސްއާ ގުޅުންހުރި ހުރިހާ ހަރަކާތެއް ބަލަހައްޓާ ޒިންމާދާރު އިދާރާ އެވެ.

އެ އެސޯސިއޭޝަނަކީ ސައުތު އޭޝިއަން ޓޭބަލް ޓެނިސް ފެޑެރޭޝަންގެ މެމްބަރު ޖަމިއްޔާއެކެވެ. އަދި ޓީޓީއޭއެމްއިން ވަނީ ކޮމަންވެލްތު ޔޫތު ޓުއާ ޓީޓީ މުބާރާތާއި ސައުތު އޭޝިއަން ޖޫނިއާ ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ފަދަ ބައިނަލްއަގުވާމީ ހަރަކާތްތައް ރާއްޖޭގައި ބާއްވާފައިވެ އެވެ. މީގެ އިތުރުން މިއަހަރުގެ އިންޓަ ސްކޫލް ޓޭބަލް ޓެނިސް ޓޯނަމަންޓް ވެސް އިންތިޒާމްކޮށް ބާއްވަނީ ޓީޓީއޭއެމްއިންނެވެ. 14 ސްކޫލަކުން ބައިވެރިވާ މި ޓޯނަމަންޓް އޮންނާނީ 12 އިން 20 ޖޫން 2023 އަށެވެ.

"ޓީ.ޓީ.އޭ.އެމްގެ އަހަރީ ޑިވެލޮޕްމެންޓް ޕާރޓްނަރަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ރީތިނަން ހޯދައިދެވޭ ފަދަ ކުޅަދާނަ، ހުނަރުވެރި ޓޭބަލް ޓެނިސް ކުޅުންތެރިން އުފެދިގެންއައުމަކީވެސް އަޅުގަނޑުމެން ވަރަށް ފަޚުރުވެރިވާ ކަމެއް. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ކުޅިވަރަށް ފާގަތި މުސްތަގުބަލަކަށް،" ދިރާގުގެ ޑިރެކްޓަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

"ރާއްޖޭގައި ޓޭބަލް ޓެނިސް ކުރިއެރުވުމަށް ދިރާގުން ދެމުންގެންދާ އެހީތެރިކަމަށްޓަކައި އެކުންފުންޏަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގުގެ އެހީއާއެކު ބައިނަލްއަޤްވާމީ އިތުރު ޓޯނަމަންޓްތައް ރާއްޖެގައި އިންތިޒާމްކޮށް ކުރިއަށްގެން ގޮސް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރު ޓޭބަލް ޓެނިސް ކުޅުންތެރިންތަކެއް އުފެއްދުން،" ޓީޓީއޭއެމްގެ ނައިބު ރައީސް، އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.