ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ނުކުރާތީ، އެމްޑީޕީ މެމްބަރުން ނިޒާމީ ނުކުތާތައް ނަންގަވައި، ތަޅުމުގައި އަޑުގަދަކޮށް މިއަދުގެ ޖަލްސާ ހުއްޓުވައިފި އެވެ.

އީވާގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވެސް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން އިސްވެ ހުށަހަޅާފައިވާއިރު، އެ މައްސަލަ އޮތުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވެވަޑައިގަންނަވާ ކަމަށް އެ ދެ ބޭފުޅުން ވެސް އަންގަވާފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ، ރިޔާސަތު ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ހަވާލުކުރައްވައިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އާއި އީވާ އަންގަވާފައިވާ ކަމަށެވެ.

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ (ބ) ދަށުން ރިޔާސަތު ބަލަހައްޓާނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުކަން އަމީން އާންމު އިއުލާނު ކުރެއްވި އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅާނީ މަޖިލީހުގެ ރައީސް އެވެ.

ޖަލްސާ ފެށުމާ އެކު، އެމްޑީޕީ މެމްބަރުން ފުރަތަމަ ޝަކުވާ ކުރެއްވީ ރިޔާސަތުގައި އަފީފު އިންނެވުމުންނެވެ. މަޖިލީހުގެ ގަވާއިދާ ހަވާލާދީ، ނިޒާމީ ނުކުތާ ނަންގަވައިގެން އެކަން ސާފުކޮށް ދެއްވުމަށް ރިޔާސަތުގެ ކިބައިން އެދެމުން ގެންދެވި އެވެ.

ކާޑެއްދޫ އެއާޕޯޓު ތަރައްގީ ކުރުމާ ގުޅޭގޮތުން، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ އެ ވަގުތު ޖަލްސާ ކުރާ މާލަމުގައި އިންނެވި އެވެ. ސުވާލުކުރަން ރިޔާސަތު ފުރުސަތު ދިނުމުން، ސުވާލު ނުކުރައްވާ މުޣުނީ ގެންދެވީ އަފީފް ރިޔާސަތުގައި އިންނެވި ސަބަބު ސާފުކޮށްދެއްވަން ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ.

ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ނިޒާމީ މައްސަލަ ނަންގަވާ ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިހުގެ 14 ދުވަސް ހަމަވުމަށްފަހު ދެން އެންމެ ފުރަތަމަ ބާއްވާ ޖަލްސާގައި އެ މައްސަލަ އެޖެންޑާކުރަންޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާކަން ފާހަގަކޮށް އެ މައްސަލަ އެޖެންޑާ ނުކުރަނީ ކީއްވެތޯވެސް ސުވާލު ކުރައްވާފަ އެވެ.

"..މި މަޖިލީހުގައި ވާނުވާ ރެކޯޑަށްޓަކައި އެބަޖެހޭ ސާފުކޮށްދެއްވަން،" މުޣުނީ އެދިވަޑައިގަތެވެ.

އެއާއެކު އަފީފު ވަނީ، ސުވާލު ކުރަން ދެކޮޅު ހައްދަވާތީ އެ އައިޓަމް ކުރިއަށް ނުގެންދަވައި، ނަހުލާ ވަޑައިގަތުމުގެ އިޒުނަ ދެއްވައިފަ އެވެ.

އެއާ ވިދިގެން، އެމްޑީޕީ މެމްބަރުން ދެން ފާހަގަކުރައްވަން ފެއްޓެވީ އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް މިއަދަށް ހަމަވެފައިވާއިރު، އެ މައްސަލަ މިއަދަށް އެޖެންޑާ ނުކުރި މައްސަލަ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން، ރިޔާސަތުން އަފީފް ވިދާޅުވީ އެކަން ވަރަށް ތަފްސީލުކޮށް އަމީންއާންމުގެ ސިޓީއަކުން މެމްބަރުންނަށް މައުލޫމާތު ދެއްވާފައިވާނެ ކަމަށެވެ. އަފީފު އިޝާރާތް ކުރެއްވި ސިޓީގައި އަމީން އާއްމު ފާތިމަތު ނިއުޝާ ވިދާޅުވެފައި ވަނީ، އީވާގެ މައްސަލައިގެ ވަގުތު ކަނޑައަޅަންޖެހޭއިރު، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން މަޑުޖެހިފައިވާތީ، މައްސަލަ އެޖެންޑާ ކުރެވޭނީ އާންމު ކޮމިޓީން އެ މައްސަލައިގެ ވަގުތު ކަނޑައެޅުމުން ކަމަށެވެ.

އެކަމަކު އޭގެ ފަހުން ވެސް އެމްޑީޕީ މެމްބަރުން ގެންދެވީ ފުލުފުލުގައި ނިޒާމީ ނުކުތާތައް ނަންގަވައި އީވާގެ މައްސަލަ ކުރިއަށް ނުގެންގޮސް، މަޖިލީހުގެ އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށް އަމީން އާއްމު ވިދާޅުވި ވާހަކަ އަށް ރިޔާސަތުން އަފީފު އިޝާރާތް ކުރައްވާތީ، ވެލިދޫ ދާއިރާގެ މެމްބަރު ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާއިން "ގެއްލުނު" ކަން ފާހަގަކުރައްވައި، އެ ސުވާލު އަމާޒުކުރައްވައިފަ އެވެ.

"ރިފްއަތުގެ މައްސަލަ އެޖެންޑާއިން އުނިކޮށްފައި ވަނީ ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާއަތްކޮށްތޯ؟،" އޭނާ ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ދެކުނު އިން ވަކިކުރުމުގައި ސަރުކާރުން ގޯސް ހަދާފައިވާ ކަމަށް ބުނެ، އިދިކޮޅު މެމްބަރުން އިސްވެ ބަންޑާރަ ނައިބު މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ މިދިޔަ ހަފްތާގައި އެޖެންޑާ ކުރެވި ބަހުސް ވެސް ފެއްޓި އެވެ. އެކަމަކު އެ މައްސަލައިގެ ތެރެއިން އުފެދުނު ގާނޫނީ ސުވާލުތަކާއެކު އެ މައްސަލަ ރިޔާސަތުން ވަނީ ޕާކުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އަފީފު ވިދާޅުވީ އެޖެންޑާ ކަނޑައަޅުއްވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމަށެވެ.

އެއާއެކު މެމްބަރުން ވަނީ ރިޔާސަތަށް ނިސްބަތްކޮށް "މުގާބޭ" އަށް ގޮވައި އަޑުގަދަކުރައްވައިފަ އެވެ. މެމްބަރުން އަޑުގަދަކުރައްވާތީ، އަފީފު ވަނީ 15 މިނެޓެއްހާ އިރަށް މަޖިލީހުގެ ޖަލްސާ މެދުކަނޑާލައްވައިފަ އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ މަޖިލީހުގެ އަމީންއާންމަށް އިއްޔެ އަންގަވާފަ އެވެ. ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ ހަތް ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ 50 މެންބަރުން ސޮއިކޮށް އީވާ މަގާމުން ވަކިކުރަން ހުށަހެޅީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.