ރައްޔިތުންގެ މަޖިލީހުގައި އެޅިފައިވާ މަރުތަޅު ފިލުވުމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީން މަޖިލީހުގެ ގަވާއިދަށް މިއަދު އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއަށް މިއަދު ފޮނުއްވި ސިޓީއެއްގައި ޖުމްލަ ފަސް އިސްލާހެއް މަޖިލީހުގެ ގަވައިދަށް ވަނީ ހުށަހަޅާފަ އެވެ.

އަސްލަމް ހުށަހެޅުއްވި އެއް އިސްލާހަކީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެއްވެސް ބޭފުޅަކު އުޒުރުވެރި ވެއްޖެނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާނީ އަމީން އާންމެވެ.

އަދި އެ ނޫން ޖަލްސާއެއްގައި ރައީސްއާއި ނާއިބު ރައިސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ރައީސް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ. އަދި އެގޮތަށް ކަނޑައެޅޭނީ މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ކަމަށާއި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ޖެހިޖެހިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ.

ހަމަ އެހެންމެ މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި މެމްބަރަކު ވާހަކަ ދައްކަން ލިބޭ ފުރުސަތުގެ ދިގުމިން އަމީން އާންމަށް ކަނޑައެޅޭ ގޮތަށް އިސްލާހު ހުށަހަޅާފައި ވެއެވެ. އެގޮތުން ރައީސްއަށް ދިފާއުގައި 30 މިނެޓް އަދި އާންމު މެމްބަރުންނަށް 30 މިނެޓް ދެވޭނެ ގޮތް ކަނޑައެޅުމުގެ އިހުތިޔާރު އަމީން އާންމަށް ލިބޭނެ އެވެ.

އެމްޑީޕީން ހުށަހަޅާފައިވަނީ އިސްލާހުތައް ފާސްކުރާ ތާރީހުން ފެށިގެން އެއަށް އަމަލުކުރަން ޖެހޭނެ ގޮތަށެވެ.ގަވާއިދަށް އިސްލާހު ހުށަހެޅީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލަތައް އަލުން ހުށަނާޅާ ކުރިއަށް ގެންދެވޭނެ ގޮތަށެވެ.