އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕުން މިއަދުވެސް ރައީސް ސޯލިހާއި ބައްދަލުކުރުމަށް ރައީސް އޮފީހަށް ދިއުމުން ރައީސްއާއި ބައްދަލު ނުވި ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިއްޔެ ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގެން ރައީސް ސޯލިހާއި ބައްދަލު ކުރަން އެދުމުން އެއޮފީހުން ދެއްވީ އީމެއިލް އެޑްރެހެއް ކަމަށެވެ.
"އިއްޔެ ވެސް ވިދާޅުވީ ރައީސް އާއި ބައްދަލު ކުރަން އީމެއިލްއެއް ކުރައްވާށޭ. އެހެން ވިދާޅުވެ ދެއްވި އީމެއިލް އެޑްރެހެއް. މިވަގުތާއި ހަމައަށް ވެސް އެއީމެއިލް އަށް ޖަވާބެއް ނުލިބޭ. މިއަދު އަނެއްކާވެސް އަޅުގަނޑުމެން އައިސް ރައީސް އާއި ބައްދަލު ކުރަން އެދުމުން ދެއްވީ އަނެއްކާވެސް އީމެއިލް އެޑްރެހެއް. ދެން އަޅުގަނޑުމެން އީމެއިލްއަށް ޖަވާބެއް ނުލިބޭ ވާހަކަ." ޝިޔާމް ވިދާޅުވި އެވެ.
އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ރައީސް ޔާމީނަށް ސަރުކާރުން ދެމުން ގެންދަނީ އަނިޔާ ކަމަށާއި، އެމައްސަލަ ނިމޭއިރަށް އަނެއް މައްސަލަ ކޯޓަށް ހުށަހަޅައިގެން އުޅެނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލަން ކަމަށެވެ.
"މިއީ އެއްދުވަސްވަރެއްގައި ހިނގި ކަމަށް ބުނާ މައްސަލަތަކެއް. އާއްމު އުސޫލަކީ އެއްކޮށް ހިނގާ ކަންކަން އެއްކޮށް ތަހްގީގުކޮށް އަދި އެއްކޮށް ދައުވާ ކުރުން. ޝަރީއަތް ވެސް ކުރިއަށް ގެންދާނީ އެއްކޮށް. ނަމަވެސް ރައީސް ޔާމީނާއި ދޭތެރޭ ކަންތައް ކުރަމުން މިގެންދަނީ ތަފާތުކޮށް. އެމައްސަލަ ނިމޭއިރަށް އަނެއް މައްސަލަ ކުރިއަށް މިގެންދަނީ." ސަލީމް ވިދާޅުވި އެވެ.
އިއްޔެވެސް އިދިކޮޅު ލީޑަރޝިޕުންވަނީ ރައީސް ޔާމީނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށް ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމަށް ވަޑައިގެންފަ އެވެ. އިދިކޮޅު ލީޑަރޝިޕާއި މެމްބަރުން އެސަރަހައްދަށް ދިއުމުން ފުލުހުންނާއި ސިފައިން އެސަރަހައްދުގައި ބެރިކޭޑްޖަހާ އެންމެން ފަހަތަށް ޖެއްސި އެވެ. އަދި 3 މީހުން ހައްޔަރުވެސް ކުރި އެވެ.