ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީ 3000 ރުފިޔާއަށް ބޮޑުކޮށް އިތުރު އިނާޔަތްތަކެއް ދިނުމަށް ނިންމައިފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ މާލީ އެހީ ބޮޑުކުރިކަން ހާމަކޮށްފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ޖެންޑަ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ވުޖޫދުވެ، 8 އަހަރު ފާއިތުވީ ފަހުން 2019 ވަނަ އަހަރު މި ސަރުކާރުން އަމާޒު ހިފައިގެން ކުރިއަށް ގެންދެވުނު ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ގާއިމްކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކްގެ ފަރުވާ ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް 2019 އިން ފެށިގެން ދަނީ ތަންފީޒުކުރަމުން ކަމަށް ވެސް އާއިޝަތު ދީދީ ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް މިހާރު ދެމުން އަންނަ އެލަވަންސް 50 އިންސައްތަ، ޖޫން މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އިތުރުކުރައްވާފަ އެވެ. އަދި ހާލަތަށް ރިއާޔަތްކޮށް ޖުމްލަ 6000 ރުފިޔާ އާ ހަމައަށް އިތުރު އިނާޔަތްތަކެއް ދިނުމަށް އުސޫލެއް އާއްމުކުރެވިގެންދާނެ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.
މީގެ ކުރިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެމުންދިޔައީ 2000 ރުފިޔާގެ އިނާޔަތެކެވެ. އެ އަދަދު 3000 ރުފިޔާއަށް ބޮޑުކޮށް ކެޓަގަރީތަކަކަށް ބަހާލައިގެން އިތުރު އިނާޔަތްތެކެއް ދިނުމަށް ވަނީ ނިންމާފަ އެވެ.
އަލަށް ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000 ރުފިޔާގެ އެލަވަންސެއް ދެން ލިބޭނެ އެވެ.
އަދި އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް އިތުރު 1000 ރުފިޔާ ލިބޭނެ އެވެ. އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެ އެވެ.