ޕީޕީއެމް/ޕީއެންސީން ބައިބައިކުރުމަށް އެކި ވާހަކަތައް ފެތުރިއަސް އެޕާޓީން މިހާރު ތައްޔާރުވަމުން އަންނަނީ ވެރިކަމާ ހަވާލުވުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ޖަގަހަ ޖަލްސާއެއްގައި ވަހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލުމަށްފަހު ޕާޓީ ތެރޭގައި ބައިބައި އުފެއްދުމަށް އެހެން ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ދައްކާ ވާހަކަތައް އަޑު ނޭހުމަށް ވެސް އަދުރޭ އިލްތިމާސްކުރެއްވި އެވެ.

"އެ އަށް ވުރެ މާ ވަރުގަދަ އަށް މާ ސާބިތުކަމާ އެކީގައި އަޅުގަނޑުމެން އެންމެން، އަޅުގަނޑުމެން ދެ ޕާޓީގެ އާންމު މެމްބަރުންނާއި ދެ ޕާޓީގެ ލީޑަޝިޕް މި ތިބީ ރައީސް ޔާމީނާ އެކު، އެ މަނިކުފާނަށް މި ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން ތައްޔާރަށް،" އަދުރޭ ވިދާޅުވި އެވެ.

މިޖަލްސާގައި އިތުރަށް އަދުރޭ ވިދާޅުވީ ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފަށަން މިހާރު ޕީޕީއެމުން ތައްޔާރުވަމުންދާ ކަމަށެވެ. ޕީޕީއެމް/ޕީއެންސީން ވެރިކަމާއި ހަވާލުމަށްފަހު މި ސަރުކާރުގައި ތިބެ ވައްކަން ކުރި މީހުންނަށް ގާނޫނީ އިމުގެ ތެރެއިން ހައްގު އަދަބު ދޭނެ ކަމަށެވެ. އަދި އެފަރާތްތަކުން ފިލުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާ ސެޕްޓެމްބަރު 9 އަކީ ރައީސް ސޯލިހުގެ ސިޔާސީ ހަޔާތް ނިމުމުގެ ސިއްކަ ޖަހާ ދުވަސް ކަމަށެވެ.