މާލެ ކައިރީގައި ހިންގަމުން އަންނަ ރިޒް ކާލްޓަން ފަރި އައިލެންޑަށް ޒިޔާރަތްކުރި ފަތުރުވެރިޔަކު ރޭޕްކުރި ކަމަށް ބުނާ ހާދިސާގެ ތަފްސީލުތައް އެ ފަތުރުވެރިޔާ ޓްވިޓާގައި އާއްމުކޮށްފި އެވެ.

ޓްވިޓާގައި "ޒޫޔިޓޮންގް"ގެ ނަމުގައި ހަދާފައިވާ އާ އެކައުންޓަކުން އެ ހާދިސާގެ ތަފްސީލުތައް ކިޔައިދީފައިވާއިރު ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ބަޓްލަރުގެ ތަފްސީލު ވެސް އާއްމު ކޮށްފައިވެ އެވެ.

ފަތުރުވެރިޔާ ބުނެފައިވަނީ އޭނާ ރާއްޖެ އައީ ޖޫން މަހުގެ 6 ވަނަ ދުވަހު ކަމަށާއި 10 ވަނަ ދުވަހު އަނބުރާ ދާން އޮތް ނަމަވެސް އޭނާގެ ޗުއްޓީ އިތުރުކުރީ ކަމަށެވެ.

"ރިސޯޓުން އަހަންނަށް ހަމަޖައްސައިދިން ބަޓްލަރަކީ އުޝާމް. އޭނާ އަހަންނަށް އެހީވުމަށްފަހު ވަރަށް ގާތްކޮށް ވާހަކަ ދައްކަން މަސައްކަތް ކުރި," ޖިންސީ ގޯނާކުރި ކަމަށް ބުނާ ބަޓްލަރުގެ ނަން ހާމަކުރަމުން ޓުވީޓެއްގައި ބުނެފައިވެ އެވެ.

މާލެ ކައިރީގައި އޮންނަ މެރިއޮޓް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގާ ދަ ރިޒް ކާލްޓަން މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރި ޗައިނާ ޓޫރިސްޓަކު ރޭޕްކުރި ކަމަށް ބުނެ އާއްމުކޮށްފައިވާ ލިޔުންތަކެއް.

ހާދިސާގެ ވާހަކަ ކިޔައިދެމުން ފަތުރުވެރިޔާ ބުނެފައިވަނީ އޭނާގެ ފޯނަށް ފެން އެޅި ހަލާކު ވުމުން އުޝާމްގެ ފޯނަށް އޭނާގެ ސިމް ލައްވައިގެން އާއިލާއަށް ގުޅި ކަމަށާއި ހަމަ އެ ރޭ އެ ބަހަނާގައި އުޝާމް އޭނާގެ ކޮޓަރިއަށް އައި ކަމަށެވެ.

"މަންމަގެ މެސެޖެއް އައި ކަމަށް ބުނެ ކޮޓަރިއަށް އައިސް ވަރަށް ހަޑިކޮށް ގައިގޯޅިވާން އެދުނު. އަދި އަހަރެން މަނާ ކުރުމުން ގަދަކަމުން އެކަން ކުރި،" ފަތުރުވެރިޔާ ބުނެފައިވެ އެވެ.

އުޝާމް ދިއުމުން ރިސޯޓުގެ މެނޭޖަރުންނަށް އޭނާ ހަބަރުކުރި ކަމަށާއި އެހެން ނަމަވެސް ރިސޯޓުގެ ފަރާތުން ވެސް މާ ބޮޑު އެއްބާރުލުމެއް ނުލިބުމުން ފުލުހުންގެ ކިބައިން އެހީއަށް އެދުނު ކަމަށް ފަތުރުވެރިޔާ ބުންޏެވެ.

"ހެކީގެ ގޮތުގައި ބަލައިގަނެވޭ އެއްޗެހި ރިސޯޓުގެ މުވައްޒަފުން ގެންދިޔަ. އަހަރެން ބުނިން އެއީ ފުލުހުންނަށް ހަވާލު ކުރަން ޖެހޭ އެއްޗެކޭ،" ފުލުހުން އައިސް އޭނާގެ ބަޔާން ނެގުމުގެ ކުރިން ކަންވީ ގޮތް ފަތުުރުވެރިޔާ ކިޔައިދިނެވެ.

ފަތުރުވެރިޔާގެ ޓުވީޓުތަކުގައި ހާދިސާގެ އެންމެ ކުޑަކުޑަ ތަފްސީލުތައް ވެސް ހިމަނާފައިވެ އެވެ. ފެށިގެން އައިސް ނިމެންދެން ކަމުގެ ވާހަކަތައް އޭނާ ކިޔައިދީފައިވެ އެވެ.

މި ޓުވީޓްތަކާ އެކު ރިޒްކާލްޓަން އާއި އެ މުވައްޒަފާ ދެކޮޅަށް ގިނަ ބަޔަކު ޝުއޫރު ކުރަމުން އަންނައރު ބައެއް މީހުން އަންނަނީ މި ވާހަކަތަކަށް ހާއްސަކޮށް އާ ޓްވިޓާ އެކައުންޓެއް ހެދުމުން ކަމުގެ އަސްލާ މެދު ސުވާލު އުފެދޭ ކަމަށް ބުނަމުންނެވެ.