ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ހަމަޖައްސަވައިފި އެވެ.
ޕީޖީ އޮފީހުގެ މުވައްޒަފުން ހަފްތާއަކު ހަތަރު ދުވަހު މަސައްކަތަށް ނިކުތުމުން ނިކުންނަ ނަތީޖާ ތަޖުރިބާ ކުރުމަށް ހަތަރު ދުވަހު އޮފީހަށް ނުކުރުމެ މަސައްކަތް ކުރަން ނިންމީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމެވެ.
ޕީޖީ އޮފީހުން ބުނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އަންނަ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އެއޮފީހުގެ މުވައްޒަފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހު އެވެ. މިގޮތަށް ކަނޑައެޅި ނަމަވެސް ހަފްތާއަކު ފަސް ދުވަހު ލިބުނު ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ވެސް ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.
ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ އޮފީހުގެ މުވައްޒަފުންނަކީ ވަޒީފާ އާއި އާއްމު ދިރިއުޅުމުގައި ބެލެންސެއް ގެންގުޅޭ، ނަފްސާނީ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް އެ އޮފީހުން ގެންގުޅޭ ތަސައްވުރުގެ ދަށުން ކަމަށެވެ. އަދި އެ މުއްދަތުގައި މުވައްޒަފުންގެ ޕާފޯމަންސް ދުވަހުން ދުވަހަށް ބަލަމުންގޮސް، މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލައި އާންމު އުސޫލުން 5 ދުވަހު މަސައްކަތްކުރާގޮތަށް އަލުން އިއާދަކުރެވޭނެ ކަމަށް އެ އެފީހުން ބުނެ އެވެ.
"ގޭގައި މަސައްކަތްކުރާ ދުވަސްތަކުގައި ވެސް ޕްރޮސިކިއުޓަރުން ކޯޓަށް ދާންޖެހުންފަދަ، އޮފީހަށް ނުކުމެ މަސައްކަތް ކުރަންޖެހޭ ފަދަ އެނޫން ވެސް މަސައްކަތެއް އޮތްނަމަ އޮފީހަށް ނުކުމެ މަސައްކަތްކުރާނެ. އެދުވަހަކީ އޮފީހަށް ނުކުމެ ކޮންމެހެން ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުން ފުދޭ، ގަޑި ނުޖެހޭ ދުވަހެއް،" ޕީޖީ އޮފީހުން ބުންޏެވެ.
މި މުއްދަތުގައި މުވައްޒަފު ސަލާމް ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީއެއް ނެގިޔަސް ޖެހިގެން އަންނަ ހަފްތާގައި އާންމު އުސޫލުން ފަސް ދުވަހު އޮފީހަށް ނުކުމެ މަސައްކަތްކުރަން ޖެހޭނެ އެވެ.
އޮފީހަށް ނުކުމެ މަސައްކަތް ނުކުރާ ދުވަސް އޮފީހުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭ ގޮތަށް މުވައްޒަފުންގެ މެދުގައި ބަހާލާނެއެވެ.
މިދިޔަ ރޯދަމަހު ވެސް ޕީޖީ އޮފީހުން މަސައްކަތްކުރީ ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނުކުމެގެންނެވެ. އެ ތަޖުރިބާ ރަނގަޅުކަމަށް ޕީޖީން އޭރު ބުނެފައިވެ އެވެ.