އައްޑޫ ސިޓީގައި ބޮޑު އީދު ފާހަގަ ކުރުމަށް ބާއްވާ ޝޯއަށް އިންޑިއާގެ ސުޕަ ސްޓާ ސިންގާ ދެ ވަނަ ސީޒަން ކާމިޔާބުކުރި ލަވަކިޔުންތެރިޔާ މުހައްމަދު ފައިޒު ބައިވެރިވާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައްޑޫގެ ޢީދު ކުލަގަދަކޮށް ފާހަގަކުރަން ކައުންސިލުން ވަނީ ނިންމާފަ އެވެ. އެގޮތުން އީދު ނަމާދަށް ފަހު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
އީދު ފާހަގަ ކުރުމަށް ބާއްވާ އީދު ޝޯއަށް ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ އިތުރުން ސޯނީ ޓީވީއިން ގެނެސްދޭ ސުޕަސްޓަރ ސިންގަރ ދެ ވަނަ ސީޒަން ކާމިޔާބުކުރި ލަވަކިޔުންތެރިޔާ މުހައްމަދު ފާއިޒު ބައިވެރިވާނެ ކަމަށް އައްޑޫ ކައުންސިލުން ބުނެ އެވެ.
މުހައްމަދު ފައިޒު މީގެ ކުރިންވެސް ރާއްޖެ އަށް ވަނީ އައިސްފަ އެވެ. އެފަހަރު އޭނާ ރާއްޖެ އައިސްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު)ގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގައި ބައިވެރިވުމަށެވެ.
މިފަހަރުގެ ޢީދުގެ ހަރަކާތްތައްވެސް ކައުންސިލުން އިންތިޒާމުކޮށްފައިވަނީ އަވަށްތަކުގައި އެކި ހަރަކާތްތައް ކުރިއަށް ގެންދާ ގޮތަށެވެ. އެގޮތުން ޢީދު ނަމާދު ބޮޑު ޖަމާޢަތް ތިން ސަރަހައްދެއްގައި ކުރާ ގޮތަށް މިވަގުތު ހަމަޖެހިފައިވާއިރު ކޮންމެ އަވަށެއްގައިވެސް އުޟްހިޔާ ކަތިލާނެއެވެ. އަދި ކުޅިވަރު ހަރަކާތްތައް އެކި އަވަށްތަކުގައި ކުރިއަށް ދާނެ އެވެ.
މިއަހަރު ޢީދު ހަރަކާތްތަކަށް އައްޑޫސިޓީ ކައުންސިލުން ތައްޔާރުވަމުންދާއިރު މިއަހަރުވެސް މިދިޔަ އަހަރަށް ފޯރިގަދަކޮށް ހަރަކާތްތައް އިންތިޒާމު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.