ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުހިއްމު މަސައްކަތްތަކެއް ނުނިންމާ ޗުއްޓީއަށް މަޖިލިސް ދިއުމުން އެމްޑީޕީގެ ޕީޖީ ގުރޫޕުން ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައިދިނުމަށް އެދި ހުށަހަޅައިފި އެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ނުނިންމާ މިއަދު ފެށިގެން ރައްޔިތުންގެ މަޖިލީސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

މަޖިލިސް ޗުއްޓީއަށް ދިޔުމަށް ނިންމީ މަޖިލީހުގެ ދައުރު ދަންމާލަން އެމްޑީޕީގެ ޕީޖީ ގުރޫޕުން އެދިފައިވަނިކޮށެވެ. ނަމަވެސް މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ މިދައުރު ނިންމާލެއްވީކަން މިއަދުގެ ޖަލްސާގައި އިއުލާންކުރައްވާފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ސޮއިކުރައްވާ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވަނީ މަޖިލީހުގެ ދައުރު ނިންމަލާވެއްވީ ކޮމިޓީތައް އެކުލަވާ ނުލައްވާކަން ފާހަގަކުރައްވާފަ އެވެ. އެހެންކަމުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށާއި، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާއި، މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް ދައުރުން ބޭރުން ޖަލްސާ ބާއްވައިދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފަ އެވެ.

ދައުރުން ބޭރުން ޖަލްސާ ބާއްވަވަވުން 29 މެންބަރަކު ސޮއިކުރައްވާ މަޖިލީހުގެ ރައީސްއަށް ހުށައަޅުއްވާފައިވާކަމަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ބުނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގައި ބަޔާންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށައަޅުއްވައިފިނަމަ، އެ ހުށައެޅުން ހުށައަޅުއްވާތާ 14 ދުވަހުގެ ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނެގޮތަށް ހަމަޖައްސައި މަޖިލީހުގެ ރައީސް ޖަލްސާ ބާއްވަން ވާނެ ކަމަށެވެ. އަދި އެ 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށް ވެސް މަޖިލީހުގެ ގަވާއިދުގައިވެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ތިން ވަނަ ދައުރުގެ ޖަލްސާތައް ދެން ފަށާނީ އޮގަސްޓު 16 ގަ އެވެ.