ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ދޫކޮށްލި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު " އިންޝާﷲ" އަލުން އޭނާ ބޭނުންވެއްޖެ އެވެ.

ޝޫޓިން ފަށަން އެންމެ ފަހުގެ ތައްޔާރީތައް ވެފައި ވަނިކޮށް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "އިންޝާﷲ" ސަލްމާން ޚާން ދޫކޮށްލި ސަބަބެއް މިހާތަނަށް ހާމަކޮށްފައިނުވެ އެވެ. އެހެން ނަމަވެސް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އެފިލްމު ސަލްމާން ދޫކޮށްލީ ޒުވާން ބަތަލާ އާލިއާ ބަޓާ އެކު ގައިގޯޅި މަންޒަރުތަކެއް ކުޅެން ޖެހޭތީ އުފެދުނު ހިޔާލު ތަފާތުވުންތަކާ ހެދި އެވެ. އަދި ސަލްމާން ބޭނުންވާ ގޮތަށް ސްކްރިޕްޓަށް ބަދަލު ގެނެސްފައި ނުވާތީ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވ.

އެހެން ނަމަވެސް މިހާރު ސަލްމާން ވަނީ އަލުން އެފިލްމު ބޭނުންވާ ވާހަކަ ހާމަކޮށްފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަލުން އެފިލްމުގެ މަސައްކަތް ފެށުމަށް ސަލްމާން ވަނީ ބަންސާލީއާވެސް ބަދަލުކޮށްފަ އެވެ. އަދި ސަލްމާން ވަނީ ބަންސާލީ ކައިރީގައި އަލުން އެފިލްމުގެ މަސައްކަތް ފެށުމަށް އެދިފަ އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައ ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާން މިފިލްމު ކުޅެން ނިންމީ އޭނާ އެންމެ ފަހު ކުޅުނު ފިލްމުތަކުގެ ވިޔަފާރި ދަށަށް ގޮސްފައިވާތީ އެވެ. ސަލްމާންގެ ކެރިއަރު އަލުން ކޮޅަށް ޖަހަން ބަންސާލީއާ އެކީ މަސައްކަތްކުރަން ބޭނުންވާތީ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ސަލްމާން މިހާރު ބޭނުން ވަނީ އެކްޝަން ޖޯންރާގެ ފިލްމުތައް އެއް ފަރާތްކޮށްފައި ތަންކޮޅެއް ޖަޒުބާތީ ކެރެކްޓާތަކެއް ކުޅެން ލިބޭ ކަހަލަ އަދި އޭނަ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ ކެރެކްޓާތަކަށް އިސްކަންދޭށެވެ.

މި ފިލްމަކީ އެމެރިކާގައި އުޅޭ ނުފޫޒު ގަދަ ދުވަސްވީ ވިޔަފާވެރިއަކާއި އިންޑިއާގެ ޒުވާން ބަތަލާއެެއްގެ މެދުގައި އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭން ހަދަން އުޅުނު އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

ސަލްމާން "އިންޝާﷲ" ދޫކޮށްލުމުން ބަންސާލީ ވަނީ މިދިޔަ އަހަރުގެ އާލިއާ ލީޑްރޯލުން ފެނިގެންދާ "ގަންގޫބާއީ ކަތިއަވާޅީ" ބެލުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ.

ބަންސާލީ މިހާރު އަންނަނީ ބނެޓްފްލިކްސްއާ ގުޅިގެން ހަދާ ވެބް ސީރީޒް "ހީރާމަންޑީ" ގެ މަސައްކަތް ކުރަމުންނެވެ. އެމަސައްކަތް ނިންމާލުމަށްފަހު އާލިއާ އާއި ރަންވީރު އެކުގައި ފެނިގެންދާ "ބައިޖޫ ބަވްރާ" މަސައްކަތް ބަންސާލީ ފަށާނެ އެވެ.

ސަލްމާނާ އެކު ބަންސާލީ ކުރިން ގެނެސްދިން ފިލްމުތަކަކީ 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" އާއި 1999 ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" އަދި 2007 ގެ "ސާވަރިޔާ" އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މެއި މަހު ރިލީޒްކުރި "ކިސީ ކާ ބާއީ ކިސީ ކީ ޖާން" އެެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި ގެނެސްދޭ "ޓައިގާ 3" އެވެ.