މިއަހަރުގެ ސެޕްޓެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން އޮންލައިންކޮށް ރީރަޖިސްޓްރީ ކުރެވޭ ގޮތަށް މި މަހު 16 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ އެކު މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރީރަޖިސްޓްރީކުރުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހު ހުޅުވާލާނެ ކަމަށެވެ. އަދި ރީރަޖިސްޓްރޭޝަނަށް 21 ލިބިގެންދާއިރު މިފަހަރު އޮންލައިންކޮށްވެސް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 23 އިން އޮގަސްޓް 7 ގެ ނިޔަލަށް އޮންނާނެ އެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވުމަށް އިއުލާނުކޮށްފައިވާއިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ކުރީގެ ރައީސް ޔާމީން ވަނީ ވާދަކުރައްވާނެ އެވެ. އަދި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާނެކަން ހާމަކޮށްފައިވާއިރު އެމްއެންޕީގެ ޓިކެޓުގައި މުހައްމަދު ނާޒިމް ނިކުންނަވާނެކަން ވަނީ ހާމަކުރައްވާފަ އެވެ.

އަލަށް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވަނީ އިއުލާން ކުރައްވައިފަ އެވެ.

މި އިންތިހާބުގައި 278,000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެކަމަކު ޝަކުވާގެ މުއްދަތު ހަމަވުމުން މި އަދަދު ބަދަލުވުން އެކަށީގެންވާ ކަމަށް އިލެކްޝަންސުން ބުންޏެވެ.