ކަޕިލް ޝަރްމާ ގިނަ ބަޔަކަށް އެނގޭނީ ކުޅަދާނަ ކޮމީޑިއަން އެއްގެ ގޮތުގަ އެވެ. އޭނާގެ ހެއްވާ މަޖާ ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ" އަކީ ރާއްޖޭގައި ވެސް މަގުބޫލު ޝޯ އެކެވެ.
އެހެން ނަމަވެސް މި ޝޯގެ ތަނބު ކަމަށްވާ ކަޕިލް ޝަރްމާގެ އެންމެ ބޮޑު އުއްމީދަކަށް ވީ ކޮމީޑިއަންއަކަށް ވާން ނޫން ކަމަށް އޭނާ ބުނެފައިވެ އެވެ.
ކަޕިލް ބުނާގޮތުގައި އޭނާ ސްޓޭންޑް އަޕް ކޮމެޑީގެ ރޮގުން ކާމިޔާބީ ހޯދިނަމަވެސް އޭނާ އަސްލު މުމްބާއީއަށް ފުރަތަމަ އައީ ލަވަކިޔުންތެރިޔަކަށް ވުމަށެވެ.
އެގޮތުން މަޝްހޫރު ލަވަ ޝޯވއެއްކަމުގައިވާ "ސްޓާ ޔާ ރޮކްސްޓާ" ޝޯގެ ވާދަވެރިއެއްގެ ގޮތުގައި ބައިވެރިވެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންޖޭޝްކަރު ފަދަ މަޝްހޫރު ފަރާތްތަކުގެ ލޮލުގައި އޭނާ ވަނީ އަޅައިގަނެފަ އެވެ.
ކަޕިލް މިހާތަނަށް ބައެއް ލަވަތައް ރެކޯޑު ކޮށްފައިވާއިރު އޭނާ ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުން ވެސް ފެނިގެން ގޮސްފަ އެވެ. އެހެން ނަމަވެސް ކޮމެޑީއިން ލިބުނު ވަރުގެ ކާމިޔާބީއެއް މިކަންކަމުން އޭނާއަށް ލިބިފައެއް ނުވެ އެވެ.
ކަޕިލްއާއި ގާތްމީހުން ބުނާގޮތުގައި އޭނާއަކީ އަބަދު ސަމާސާކުރި ނަމަވެސް ރުޅި އިސްކުރަން ވެސް ދަންނަ މީހެކެވެ. އެގޮތުން އޭނާ އާއި ސުނިލް ގްރޯވާ އާއި ދެމެދު ވަނީ ފްލައިޓެއް މަތީގައި ބޮޑު ޒުވާބެއް ހިނގައި އަތް އިސްކުރާ ހިސާބަށް ވެސް ކަންތައް ގޯސްވެފަ އެވެ.