ނޭޓޯގެ އިސް ވެރިންގެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ލިތުއޭނިޔާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުޣާން ނޭޓޯގެ މެންބަރު ގައުމުތަކަށް ޚާއްސަ މެސެޖެއް ދެއްވައިފި އެވެ.
ސްވިޑަން ނޭޓޯގެ މެންބަރަކަށްވުމަށް ކުރަމުންގެންދާ މަސައްކަތަށް ތުރުކީގެ އާނ ބަސް ދިނުމާ ބެހޭގޮތުން އުރުދުޣާން ވިދާޅުވީ ތުރުކީން އީޔޫގައި ބައިވެރިވުމަށް ކުރާ މަސައްކަތަށް އީޔޫގައި ހިމެނޭ ނޭޓޯގެ މެންބަރު ގައުމުތަކުން ހުރަސްއެޅުން ހުއްޓައިލައި، އެކަމަށް މަގުފަހިކޮށް ދިނުމަށެވެ.
ރައީސް އުރުދުޣާން އީޔޫ އާ ގުޅުވައިދެއްކެވި ވާހަކަފުޅުގެ ސަބަބުން ނޭޓޯގެ 32 ވަނަ މެންބަރު ގައުމުގެ ގޮތުގައި އެ ޖަމާއަތާ ގުޅުމަށް ސްވިޑަންއިން ކުރަމުންދާ މަސައްކަތަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިވާނެ އެވެ. މިހާތަނަށް ތުރުކީއިން ބުނަމުން އައިސްފައި ވަނީ ސްވިޑަންއިން ތުރުކީ އާ އިދިކޮޅު ޓެރަރިސްޓު ޖަމާއަތްތަކާ މެދު ގެންގުޅޭ ސިޔާސަތު މާ ބަލިކަށި ކަމަށެވެ.
"ތުރުކީ އިން އީޔޫގެ ދޮރާށި ދޮށުގައި މަޑުކޮށްގެން އޮންނަތާ މިހާރު ފަންސާސް އަހަރު ވެއްޖެ. ގާތްގަނޑަކަށް ނޭޓޯގެ ހުރިހާ މެންބަރުންހެން މިހާރު ވަނީ އީޔޫގެ މެންބަރުންނަށްވެފައި،" އުރުދުޣާން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ. "ފަންސާސް އަހަރު ވަންދެން އީޔޫގެ ދޮރާށި ދޮށުގައި ތުރުކީ މަޑުކޮށްފައި ބޭއްވި ގައުމުތަކަށް މި ގޮވާލަނީ ތުރުކީއަށް އީޔޫގެ މެންބަޝިޕް ދިނުމަށް މަގު ހުޅުވާލަދޭށޭ. އެ މަގު ހުޅުވާލުމުން އަހަރެމެން ވެސް ސްވިޑަންއަށް ނޭޓޯއަށް ވާސިލުވެވޭނެ މަގު ހުޅުވައިދޭނަމޭ."
ނޭޓޯގެ އީޔޫ މެންބަރު ގައުމުތަކަށް އިޝާރާތް ކުރައްވައި އުރުދުޣާންގެ މިވާހަކަފުޅާ ގުޅިގެން ނޭޓޯގެ މެންބަރުން އަންނަނީ ތަފާތު ޚިޔާލުތައް ފާޅު ކުރަމުންނެވެ.
އެ ޖަމާއަތުގެ ސެކެރޓެރީ ޖެނެރަލް ވިދާޅުވި ގޮތުގައި ތުރުކީއިން އީޔޫގެ މެނަބަރަކަށްވުމަށް ކުރާ މަސައްކަތަށް އޭނާގެ ތާއީދުކުރެ އެވެ. އެހެން ނަމަވެސް ނޭޓޯ އާއި އީޔޫއަކީ މުޅިން ތަފާތު ދެ ޖަމާއަތަކަށްވުމުން އީޔޫގެ ވާހަކަ ނޭޓޯގެ ތެރެއަށް ގެންނަން ނުޖެހެ އެވެ.
ތުރުކީ އިން އީޔޫ އާ ގުޅުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެފައި ވަނީ ތުރުކީގެ ޑިމޮކްރެސީ އާއި އިންސާނީ ހައްގުތަކާ ބެހޭ ކަންކަން އީޔޫގެ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނުމުގެ އިތުރުން ސައިޕްރަސްގެ މައްސަލައިގައި ގްރީކުން ތުރުކީއާ މެދު ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.
ސްވިޑްން ނޭޓޯގެ މެންބަރަކަށްވުމަށް ތުރުކީ ފިޔަވައި ނޭޓޯގެ ހުރިހާ މެންބަރު ގައުމުތަކުން ތާއީދުކުރާއިރު، އެކަމަށް މިވަގުތު ހުރަހަކަށް އޮތީ ތުރުކީ އެވެ.
ސްވިޑްންގެ ބޮޑު ވަޒީރާއި ތުރުކީގެ ރައީސް ނޭޓޯގެ ސަމިޓުގެ ތެރެއިން ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ނޭޓޯ އިން އުންމީދު ކުރަނީ މިފަހަރުގެ ސަމިޓުގެ ތެރެއިން މައްސަލައިގެ ހައްލު ފެންނާނެ ކަމަށެވެ.