ތިން ރަށެއްގެ އެއާޕޯޓް ހެދުމަށް ބޭނުންވާ ބިން ހުއްކުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ބ. ތުޅާދޫ، ތ. ވިލުފުށި އަދި ށ. ބިލެތްފަހީގައި އެއާޕޯޓް ހެދުމަށް ބިން ހިއްކުމުގެ މަޝްރޫއު ހަވާލު ކޮށްފައިވަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑްއާ އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤު އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރު ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިވަރާޖާ މަނިވައްނަން އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ތިން ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށެވެ. މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެއް ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއާޕޯޓަށް ބޭނުންވާ 44.70 ހެކްޓަރު ބިން ހިއްކުމާއި، ވިލުފުށި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރު ބިން ހިއްކުން އަދި ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން ހިމެނެ އެވެ.