މިއަހަރަށް އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓު ހުސްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އާސަންދަ ބަޖެޓުން 1.11 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ އާސަންދަ ބަޖެޓަށް ކަނޑައެޅި އަދަދަށް ވުރެން އިތުރު އަދަދެކެވެ.
މި އަހަރަށް އާސަންދައަށް ކަނޑައަޅާފައިވަނީ 1.045 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އާސަންދައަށް ކުރާ ހަރަދު އިތުރުވެފައިވާއިރު މިދިޔަ އަހަރުވެސް އަހަރުގެ މެދުތެރޭގައި އާސަންދަ ބަޖެޓު ހުސްވި އެވެ.
އާސަންދައަށް މިދިޔަ އަހަރުގެ ބަޖެޓުގައި ފުރަތަމަ ކަނޑައެޅީ 730.9 މިލިއަން ރުފިޔާ އެވެ. އާސަންދަ ބަޖެޓު ހުސްވުމުން ސަރުކާރުން ވަނީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައި އާސަންދައަށް 906.7 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
ސަޕްލިމަންޓްރީ ބަޖެޓާއެކު މިދިޔަ އަހަރުގެ އާސަންދަ ބަޖެޓަކީ 1.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާސަންދައަށް ކުރި ހަރަދު 1.8 ބިލިއަނަށް އަރަ އެވެ.
އާސަންދައަށް ދައުލަތުން ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރެ އެވެ. އެއް އަހަރަށް ވުރެ އަނެއް އަހަރު މި ހޭދަ ދަނީ ބޮޑުވަމުންނެވެ.
އާސަންދަ އާއި ސަބްސިޑީތަކަށް ކުރާ ހޭދަ ކުޑަކުރަން ރާއްޖެއަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފަ އެވެ.
ސަރުކަރުން އާސަންދަ އާއި ސަބްސިޑީއަށް ކުރާ ހޭދަ ކުޑަކުރަން ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބަޖެޓުގައި ކަނޑައަޅާފައިވާ އިރު އަދި މިހާތަނަށް އެފަދަ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.