ސައިފް އަލީ ޚާންއާއި ދަރިފުޅު ތައިމޫރު އަލީ ހާންއަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދެބަފައިންނެވެ. އެހެން ނަމަވެސް ތައިިމޫރުއާއިއެކު ފިލްމެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސައިފް އަލީ ހާން ބުނެފައިވެ އެވެ

ތައިމޫރަކީ ސައިފް އާއި އަންހެނުން ކަރީނާ ކަޕޫރު ހާންގެ ދޮށީ ދަރިފުޅެވެ. ތައިމޫރާއިއެކު ސައިފްގެ ގުޅުން ވަރަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. އެގޮތުން ދެމީހުން އެކީގައި ފެންނަ ކޮންމެ ފަހަރަކު ދެމީހުންގެ ދެމެދުގައިވާ ގާތް ގުޅުން ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނެ އެވެ.

ސައިފް ބައިވެރިވި ޓޯކް ޝޯއެއްގައި މީހަކު ސައިފް ކައިރީ ބުނެފައިވަނީ "ބޭބީ ޑޭ އައުޓް" ފަދަ ފިލްމެއްގެ ރީމޭކުން ސައިފް އާއި ތައިމޫރު އެކީގައި ފެންނަން ބޭނުންވާ ކަމަށެވެ. އަދި ތައިމޫރާއިއެކު ފިލްމެއް ކުޅެފާނެތޯވެސް ސައިފްއާއި ސުވާލު ކުރި އެވެ.

މިސުވާލުގެ ޖަވާބުގައި ސައިފް ބުނީ ކުޑަކުދިންނާއިއެކު ފިލްމުތަކުގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ތައިމޫރާއިއެކު މަސައްކަތް ކުރުމަކީ އެއަށްވުރެއް އުނދަގޫކަމަކަށް ވާނެ ކަމަށް ސައިފް ބުންޏެވެ.

"ޝޫޓިންގެ މެދުތެރެއިން ތައިމޫރު ބުނެފާނެ ދެން ޝޫޓު ކުރަން ބޭނުމެއް ނުވެޔޭ. އަމިއްލަ ދަރިންނާއެކު ސްކްރީންގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެ" ސައިފް ބުންޏެވެ.

ސައިފްއާއި ކަރީނާއަށް ތައިމޫރުގެ އިތުރުންވެސް ވަނީ ކުއްޖަކު ލިބިފަ އެވެ. އެއީ ޖެހެންގީރް އަލީ ޚާން އެވެ.

ސައިފްގެ އަލަތު ކައިވެންޏަށްވެސް ދެ ކުދިން ތިބެ އެވެ. ދޮށީ ދަރިފުޅު ސާރާ އަލީ ހާން އަކީ ބޮލީވުޑްގެ މިހާރުގެ އެންމެ މަގްބޫލް އެއް ބަތަލާ އަށްވާއިރު އިބްރާހީމް އަލީ ޚާން ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ނުކުންނާނެ ކަމަށް ބެލެވެ އެވެ.