"މައިނޭ ޕިޔާރް ކިޔާ" އަކީ 1989 ގައި ރިލީޒްކުރި އަދި މިހާތަނަށް ވެސް ގިނަ ބަޔެއްގެ އެންމެ ފޭވަރިޓް ފިލްމެވެ. މި ފިލްމުން ސަލްމާން ޚާނާއެކު ބޮލީވުޑަށް ތައާރަފުވީ ބަގްޔާޝްރީ އަކީ ވެސް އެ ދުވަސްވަރު ވަރަށް މަޝްހޫރުވި ބަތަލާ އެކެވެ. އެ ފިލްމު ރިލީޒްވިތާ މާ ގިނަ ދުވަހެއް ނުވެ ކައިވެނިކޮށް ބަގްޔާޝްރީ ވަނީ ފިލްމީ ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ

ކައިވެންޏަށް ދެ ދަރިން ލިބި އެ ދެ ދަރިން ބޮޑެތިވެ އަދި ފިރިމީހާ އާ މައްސަލަޖެހި އޭނާއާ ވަކިން ދިރިއުޅެމުންދާ ބަގްޔާޝްރީ އަނެއްކާ ވެސް ފިލްމު ކުޅެން ފަށަން މިހާރު ވަނީ ނިންމާފަ އެވެ.

މިފިލްމުގެ ތަރިންނަށް ލިބުނު މުސާރާގެ ތަފްސީލު މިފިލްމުގައި ސީމާގެ ރޯލުން ފެނިގެންދިޔަ ބަތަލާ ޕަރްވިއަން ދަސްތޫރު މިވަނީ ހާމަކޮށްފަ އެވެ. މީޑިއާއަށް ދިން އިންޓަވިއުއްގައި ޕަރްވިއަން ބުނީ މިފިލްމުގައި ސަލްމާން ޚާން ލީޑު ރޯލުން ފެނުނު ނަމަވެސް އެންމެ ބޮޑު މުސާރަ ލިބުނީ އޭނާއަކަށް ނޫން ކަމަށެވެ. އެންމެ ބޮޑު މުސާރަ ލިބުނީ މިފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދިޔަ ބަގްޔާޝްރީ އަށް ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން މިފިލްމުން ސަލްމާން ޚާނަށް 31،000 ރުޕީސްގެ މުސާރައެއް ލިބިފައިވާއިރު ބަގްޔާޝްރީ އަށް ލިބުނީ 150،000 ރުޕީސްގެ މުސާރައެކެވެ. އަދި ޕަރްވިއަން ހާމަކުރި ގޮތުގައި އޭނާއަށް މުސާރާގެ ގޮތުގައި ލިބުނީ 25،000 ރުފީސް އެވެ.

ސަލްމާން ޚާންގެ ފުރަތަމަ ކާމިޔާބު ފިލްމުގެ މުސާރަ ކުޑަ ނަމަވެސް މިހާރު އޭނާއަށް ލިބޭ މުސާރަ ބޮޑުކަން ފާހަގަ ކޮށްލެވެ އެވެ.

ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި ސަލްމާން މީގެ ކުރިން ބުނެފައިވަނީ އޭނާގެ ފުރަތަމަ މުސާރައަކީ 75 ރުޕީސް ކަމަށެވެ.

"އަހަރެންގެ ފުރަތަމަ މުސާރައަކީ، އަހަރެންނަށް ހީވަނީ، ގާތްގަނޑަކަށް 75 ރުފިޔާ، އެއީ ތާޖް ހޮޓަލުގައި އޮތް ޝޯއެއްގައި ނެށުމުން ލިބުނު މުސާރަ." ސަލްމާން ބުންޏެވެ.