ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގް ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ގައުމުން ހައްޔަރުކުރަން އަމުރެއް ނެރެފި އެވެ.

މަހުޖަނު އޮންގުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ތެރޭގައި ބަނޑޮސް އައިލެންޑް ރިސޯޓާއި ފޯސީޒަން ކުޑަހުރާ، ލަނޑާގިރާވަރު، ގިލި ލަންކަން ފުށި، ސިކްސް ސެންސަސް ބައި ލާމު، ކޮކޯ އައިލެންޑް، ކޮމޯ މާލެފުށި، ހޮލިޑޭ އިން ކަނޑޫމާ ހިމެނެ އެވެ. މީގެ އިތުުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމްއެމްޕީއާރުސީ މެދުވެރިކޮށް ގިނަ އަދަދެއްގެ ފަޅުތަކާއި ރަށްތަކެއް ވެސް އޮންގް ހޯދާފައިވެ އެވެ. އަދި އެމްއެމްޕީއާރުސީގެ ކޮރަޕްޝަން ހިންގުމުގައި އޮންގު ބޮޑު ރޯލެއް އަދާކުރި ކަމަށް އަލް ޖަޒީރާއިން ނެރުނު "ސްޓީލިން ޕެރަޑައިސް" ޑޮކިއުމަންޓްރީގައި ވެސް ތުހުމަތުކޮށްފައިވެ އެވެ.

އޮންގް ހައްޔަރުކުރުމުގެ ނޯޓިސް ސިންގަޕޫރުގެ އެންޓި ކޮރަޕްޝަން އިދާރާ، ކޮރަޕްޓް ޕްރެކްޓިސް އިންވެސްޓިގޭޝަން ބިއުރޯ (ސީޕީއައިބީ) އިން ނެރުނީ ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއާ އެކު އޭނާ ކުރެއްވި މުއާމަލާތްތަކާ ގުޅިގެން ކަމަށް ސިންގަޕޫރުގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އޮންގް އަންނަނީ އެ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އިދާރާއިން ބުނެ އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓު ހިންގާ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެން މިދިޔަ ބުދަ ދުވަހު އެ ގައުމުގެ އެންޓި ކޮރަޕްޝަން އިދާރާއަށް ބަޔާން ދިނުމަށްފަހު ނުކުންނަނީ. ފޮޓޯ: ސްޓްރެއިޓް ޓައިމްސް

ސިންގަޕޫރު ސްޓޮކް އެކްސްޗޭންޖްގައި ވެސް ލިސްޓްކޮށްފައިވާ އެޗްޕީއެލް އިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އޮންގް، 77، ގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވާ ކަމަށެވެ.

"ޖުލައި މަހުގެ 14 ވަނަ ދުވަހުން ފެށިގެން އޭނާ ގައުމުން ބޭރުގައި ދަތުރުކުރައްވަނީ. އެނބުރި ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓް ސީޕީއައިބީއާ ހަވާލުކުރާނެ. އަދި އޭނާ ހައްޔަރުކުރުމުގެ ނޯޓިސް ވަނީ ދީފައި. އެއް ލައްކަ ޑޮލަރުގެ ބެއިލްއެއް ވެސް ވަނީ ދައްކާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްޕީއެލް އިން އިތުރަށް ބުނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މީހަކު އައްޔަންކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތާއި މަސްއޫލިއްޔަތުތައް އޮންގް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ޓްރޭޑް ރިލޭޝަންސް މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ އިސްވަރަންއާ ދެކޮޅަށް ހިންގާ ތަހުގީގަށް މިދިޔަ ބުދަ ދުވަހު އޮންގް ބަޔާނެއް ދެއްވާފައިވެ އެވެ. ނަމަވެސް ތަހުގީގުގެ ތަފްސީލެއް ނުދެ އެވެ.