ބޮލީވުޑްގައި މަސައްކަތްކުރާ އެކި އެކި ތަރިންނާ ބެހޭ ގޮތުން އެކި ދުވަސްވަރު އެކި ވާހަކަތައް ދެެކެވެ އެވެ. މިފަހަރު އެފަދަ ވާހަކަތަކެއްގެ ޝިކާރައަށް ވެފައިވަނީ އަބީޝޭކް ބައްޗަން އެވެ.

އިންޑިއާގެ ނޫސްތަކާއި ސޯޝަލް މީޑިއާގައި އަބީޝޭކް އެގައުމުގެ ސިޔާސީ ދާއިރާއަށް ވަންނަން އުޅޭ ކަމަށް އަޑުތައް މިވަނީ ފެތުރިފަ އެވެ.

މިއަޑުތަކުގެ އަރާފައިވަނީ ކޮން ކަމަކާ ގުޅުވައިގެންކަން ނޭނގުނު ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އެއީ އަބީޝޭކްގެ މަންމަ ޖާޔާ ބައްޗަން ވެސް އެދާއިރާގައި އުޅޭތީ ފެތުރުނު އަޑެކެވެ.

ޖާޔާއަކީ 2004 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެކެވެ. އޭގެ އިތުރުން އަބީޝޭކްގެ ބައްޕަ އަމީތާބް ވެސް ވަނީ ކުޑަ ދުވަސްކޮޅަކަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވެފަ އެވެ.

މިކަމާ ބެހޭ ގޮތުން ސުވާލު ކުރެވުމުން އަބީޝޭކް ބުނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ފެތުރުނީ ކީއްވެގެން ކަމެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ބޮލީވުޑްގައި ގިނަ ފިލްމުތަކެއް ކުޅެދީފައިވާ އަބީޝޭކް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވަނީ ހެއްވާ މަޖާ ބައި ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.